ޑިޒްނީގެ ކާމިޔާބު ކާޓޫނު ފިލްމު "ސްނޯ ވައިޓް"ގެ ލައިވް އެކްޝަން ފިލްމު ބޮކްސް އޮފީހުގައި ނާކާމިޔާބުވީ އިޒްރޭލާ ދެކޮޅު ފިކުރުގެ ސަބަބުން ކަމަށް އެ ފިލްމުގެ އެއް ލީޑު ތަރި ގޭލް ގެޑޮޓް ބުނެފި އެވެ.

މިއަހަރުގެ ކުރީކޮޅު ރިލީޒްކުރި އެ ފިލްމަށް ލިބުނު ނާކާމިޔާބީގެ ފަހަތުގައި ފިލްމުގެ ޓެކްނިކަލް ކަންތައްތަކުގެ އިތުރުން ފިލްމީ ދާއިރާއާ ގުޅުމެއް ނެތް ކަންތައްތަކެއް ހުރިކަން ގޭލް ފާހަގަކުރި އެވެ.

އެގޮތުން ފިލްމު ނާކާމިޔާބު ވުމުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ ފިލްމުގެ ލީޑު ތަރި ރޭޗަލް ޒެލްގާ އިޒްރޭލާ ދެކޮޅަށް ނުކުމެ ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދެއްކުން ކަމަށް ގޭލް ބުންޏެވެ.

ގޭލް އިތުރަށް ބުނީ ފިލްމަށް ލިބުނު ނާކާމިޔާބީއާއެކު އޭނާ ދެރަވި ކަމަށާއި އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކުމަށް ހޮލީވުޑްގެ ތަރިންނަށް މަޖުބޫރު ކުރުވަމުން އަންނަ ކަމަށެވެ.

250 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު އުފެއްދި "ސްނޯ ވައިޓް"އަށް ބޮކްސް އޮފީހުގައި ލިބުނީ 200 މިލިއަން ޑޮލަރެވެ. މިއީ މިފަހަކަށް އައިސް ޑިޒްނީއަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ.

އިޒްރޭލުގެ ރައްޔިތެއް ކަމަށްވާ ގޭލްއަކީ ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކަށް ފާޅުގައި ތާއީދުކުރާ އެކްޓަރެކެވެ. އޭނާ ވަނީ މީގެ ކުރިން އިޒްރޭލުގެ އަސްކަރިއްޔާގައި ވެސް އުޅެފަ އެވެ.