ބޮލީވުޑްގެ އެކި ކަންކަމުގައި އަބަދުވެސް ކުށްވެރިވަނީ އެކަމެއްގައި ހިއްސާވާ އަންހެނުން ކަމަށް މަޝްހޫރު ތަރި ކަންގަނާ ރަނޯޓް ބުނެފި އެވެ.

ކަންގަނާ މި ބީދައިން ވާހަކަ ދައްކާފައިވަނީ އޭނާއާ ބެހޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކަށް އަލިއަޅުވާލައި އެ ވާހަކަތަކުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ކުރާ އަސަރުގެ ވާހަކަ ދައްކަމުންނެވެ.

އެގޮތުން މީޑިއާގައި އޭނާ މަޝްހޫރުވެފައި އޮތީ "ކައިވެނި ކޮށްގެން އުޅޭ ފިރިހެނުންގެ ފަހަތުން ދުވާ" މީހެއްގެ ގޮތުގައި ކަމަށް ކަންގަނާ ބުންޏެވެ.

އެހެން ނަމަވެސް ބޮލީވުޑްގައި ކުރިއަރަން މަސައްކަތްކުރާ އަންހެން އެކްޓަރަކަށް ކައިވެނި ކޮށްގެން އުޅޭ ފިރިހެން އެކްޓަރުން ލޯބި ހުށައެޅުމަކީ އޭނާގެ މައްސަލައެއް ނޫން ކަމަށް ކަންގަނާ ބުންޏެވެ.

އެހެން ނަމަވެސް މުޖުތަމައުއާއި މީޑިއާގެ ނަޒަރުގައި އެފަދަ މީހުންގެ އެ އަމަލުތައް ގޯސްނުވާ ކަމަށާއި ބަދަލުގައި ނުބައިވަނީ އަންހެން އެކްޓަރު ކަމަށް ކަންގަނާ ފާހަގަކުރި އެވެ.

އެހެން ކަމުން ބޮލީވުޑްއަކީ ވަރަށް "އެތެރޭގެ ކުޅިގަނޑު" ބޮޑު ދާއިރާއެއް ކަމަށާއި ބޭރުން އަންނަ އެކްޓަރުންނަށް އެ ދާއިރާގައި ކުރިއަށް ދާން ފަސޭހަ ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

2000ގެ އަހަރުތަކުގައި ބޮލީވުޑްގެ ބައެއް ފިރިހެން ތަރިންނާ ލޯބީގެ ގޮތުން ކަންގަނާ ގުޅުނު ކަމަށް އަޑު ފެތުރުނެވެ. އޭގެ ތެރޭގައި އަޖޭ ދޭވްގަންއާއި ރިތިކް ރޯޝަން ފަދަ ތަރިން ހިމެނެ އެވެ.