ހޮލީވުޑްގެ ތަރި ބްރެޑް ޕިޓްއާއެކު ކުރި ކައިވެނި ރޫޅުނުތާ 20 އަހަރު ފަހުން އޭނާގެ ކުރީގެ އަންހެނުން ޖެނިފާ އެނިސްޓަން އެ ކައިވެންޏާ ބެހޭގޮތުން ކުރިން ނޭނގޭ ވާހަކަތަކެއް ކިޔައިދީފި އެވެ.
ބްރެޑް ޕިޓްގެ ބޭވަފާތެރިކަމުގެ ވާހަކަ ވަރަށް މަދުން ނޫނީ ނުދައްކާ ޖެނިފާ ވަނީ މިފަހުން އޭނާގެ ކައިވެނީގެ ތެރެއަށް އެންޖެލީނާ ވަނުމުން ކުރަން ޖެހުނު ތަޖުރިބާ ހިއްސާ ކޮށްފަ އެވެ.
ޖެނިފާ ބުނީ އެ ދުވަސްވަރަކީ އޭނާއަށް ޒާތީ ގޮތުން ގޮންޖެހުންތައް ގިނަ ދުވަސްވަރެއް ކަމަށާއި އެހެން ނަމަވެސް އެކަންތައް ވެގެން ދިޔައީ އާއްމުންނަށް ވަރަށް ޝައުގުވެރި ކަމަކަށް ކަމަށެވެ.
ބްރެޑްއާއި ޖެނިފާގެ ކައިވެނި ރޫޅުނު އަހަރު ބްރެޑް އެންޖެލީނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާން ކުރިއިރު އެ ދެމީހުން ވަނީ މެގަޒިން ކަވާއެއްގައި ވެސް އެކުގައި ފެނިފަ އެވެ.
އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޖެނިފާ ބުނީ އެ ފޮޓޯތައް ފެނުމުން އޭނާއަށް ކުރެވުނީ ރުޅިވެރިކަމާއި ހިތްދަތިކަމާއި ލަދުވެތިކަމުގެ އިހުސާސްތަކެއް ކަމަށެވެ.
އެ ފޮޓޯޝޫޓަށްފަހު ޖެނިފާއަށް މީޑިއާގެ ސަމާލުކަން އިތުރަށް ލިބިގެން ދިޔައިރު އެ ވާހަކަތައް ފެތުރުމުގައި މީޑިއާއިން ވެސް ޒިންމާދާރު ނޫން ކަމަށް ދޭހަވާ ގޮތަކަށް ޖެނިފާ ވާހަކަ ދައްކާފައިވެ އެވެ.
ގާތްގަނޑަކަށް 10 ވަރަކަށް އަހަރު އެކުގައި އުޅުމަށްފަހު 2014 ވަނަ އަހަރު ބްރެޑްއާއި އެންޖެލީނާ ކައިވެނި ކުރި ނަމަވެސް އޭގެ ދެއަހަރު ފަހުން އެ ކައިވެނި ވެސް ވަނީ ރޫޅިފަ އެވެ.