ޕައިރެޓްސް އޮފް ދަ ކެރީބިއަންގެ މަޝްހޫރު ކެރެކްޓަރު ކެޕްޓަން ޖެކް ސްޕެރޯގެ ރޯލުން އަނެއްކާ ވެސް ޖޮނީ ޑެޕް ފެނިދާނެ ކަމުގެ އިޝާރާތެއް އެ ފްރެންޗައިޒްގެ ޕްގޮޑިއުސަރު ޖެރީ ބްރަކްހެއިމާ ދީފި އެވެ.

"އެންޓަޓެއިންމެންޓް ވީކްލީ"އަށް ދިން އިންޓަވިއުއެއްގައި ޖެރީ ވަނީ "ޕައިރެޓްސް އޮފް ދަ ކެރީބިއަން" ފްރެންޗައިޒްގެ ހަވަނަ ފިލްމުގައި ޖޮނީ އޭނާގެ މަޝްހޫރު ކެރެކްޓަރު އަލުން ކުޅުމާ ބެހޭގޮތުން މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.

ޖެރީ މި ބީދައިން ވާހަކަ ދައްކާފައިވަނީ މިފަހުން ޖޮނީއާއި އޭނާގެ ކުރީގެ އަނބިމީހާ އެމްބާ ހާޑްއާ ދެމެދު ކުރިއަށްދިޔަ ގާނޫނީ ކޯޅުމުގެ ސަބަބުން އެ ފްރެންޗައިޒް އުފައްދާ ޑިޒްނީއިން ޖޮނީއާ ގުޅުން ކަނޑާލާފައިވާ ކަމަށް ބެލެވިފައި ވަނިކޮށެވެ.

ޖެރީ އިތުރަށް ބުނީ ޖެކް ސްޕެރޯގެ ރޯލު ކުޅުމަށް ޖޮނީ ހުރީ ތައްޔާރަށް ކަމަށާއި ފިލްމުގެ ވާހަކަ އޭނާއަށް ކަމުގޮސްފިނަމަ އާނބަސް ބުނާނެ ކަމަށެވެ.

2003 ވަނަ އަހަރު ފެށި "ޕައިރެޓްސް އޮފް ކެރީބިއަން"ގެ ފަސް ފިލްމެއް މިހާތަނަށް ނެރެފައިވާއިރު އެ ފަސް ފިލްމުގައި ވެސް ޖޮނީ ފެނިގެން ގޮސްފައިވެ އެވެ.

އެހެން ނަމަވެސް ފާޅުގައި އެމްބާ ޖޮނީއަށް ގެވެށި އަނިޔާގެ ތުހުމަތު ކުރުމުން އޭނާއަށް ހޮލީވުޑްގެ ފުރުސަތުތައް ލިބޭނެ ކަމާމެދު ސުވާލު އުފެދުނެވެ.