މިހާރަކަށް އައިސް ހޮލީވުޑުން ފެންވަރު ރަނގަޅު ފިލްމުތައް އެއްވެސް ވަރަކަށް ނުފެންނަ ކަމަށް މަޝްހޫރު އެކްޓަރު ޖެކީ ޗެން ބުނެފި އެވެ.

ދާދި ފަހުން ބޭއްވި ލޮކާނޯ ފިލްމު ފެސްޓިވަލްގެ ތެރެއިން ބޭއްވި އިންޓަރެކްޓިވް ސެޝަންއެއްގައި ޖެކީ ވަނީ މިހާރު ފެންނަ ހޮލީވުޑް ފިލްމުތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ޖެކީ ބުނީ މީގެ އަހަރުތަކެއް ކުރިން ރިލީޒް ކުރެވުނު ހޮލީވުޑް ފިލްމުތަކާ އަޅާބަލާއިރު މިއަދު ފެންނަ ފިލްމުތަކުގެ ފެންވަރު ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ.

އެގޮތުން ފިލްމު ޕްރޮޑިއުސްކުރާ ބޮޑެތި ސްޓޫޑިއޯތަކުން ފައިސާ ހޯދުމުގެ ބޭނުމުގައި ފިލްމުތަކުގެ "ކްރިއޭޓިވިޓީ" ދޫކޮށްލަމުން އަންނަކަން އޭނާ ފާހަގަކުރި އެވެ.

"ފިލްމަކަށް 40 މިލިއަން އިންވެސްޓް ކުރުމަށްފަހު އެމީހުން ވިސްނަނީ އެ ފައިސާ އަނބުރާ ހޯދާނެ ގޮތެއް. އެކަމުގެ ތެރެއިން ފިލްމުގެ ފެންވަރު ދަށްވަނީ" ޖެކީ ބުންޏެވެ.

އެ އިންޓަވިއުގައި ޖެކީ ވަނީ އޭނާގެ ކެރިއަރުގެ އުސްއަލިތަކާ ބެހޭގޮތުން ވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކައި ކުރީގެ ހަނދާންތައް އާކޮށްފަ އެވެ.

މިހާރު އުމުރުން 71 އަަހަރުގެ ޖެކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދިން މަސައްކަތްތައް ފާހަގަކޮށް ލޮކާނޯ ފިލްމު ފެސްޓިވަލްގައި އޭނާއަށް "ކެރިއަރ ލެޕާޑް އެވޯޑް" ދީފައިވެ އެވެ.