ފިލްމު "ސައްޔާރާ"އިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދެ ތަރިން ކަމަށްވާ އަހާން ޕާންޑޭއާއި އަނީތު ޕައްޑާއަށް އެމީހުންގެ ފުރަތަމަ އެވޯޑު ލިބިއްޖެ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި އެ ދެ ތަރިންނަށް ލިބިފައިވަނީ އައިއެމްޑީބީ ބްރޭކްއައުޓް ސްޓާ އެވޯޑެވެ. މިއީ އައިއެމްޑީބީ ވެބްސައިޓް މެދުވެރިކޮށް ބެލުންތެރިންގެ މެދުގައި ކުރިއަށް ގެންދެވޭ ވޯޓަކުން ދެވޭ އެވޯޑެކެވެ.

އައިއެމްޑީބީގެ އެންމެ މަޝްހޫރު ބޮލީވުޑް ތަރިންގެ ލިސްޓުގެ ޖުލައި މަހުގެ އަދަދުގައި އަހާންއަށް ލިސްޓުގެ އެއްވަނަ ލިބުނުއިރު އަނީތުއަށް ލިބުނީ ތިންވަނަ އެވެ. ދެވަނަ ހާސިލްކުރީ "ސައްޔާރާ"ގެ ޑައިރެކްޓަރު މޯހިތު ސޫރީ އެވެ.

މި ކާމިޔާބީއާ ބެހޭގޮތުން އަހާން ބުނީ މިއީ އޭނާގެ ކެރިއަރުގެ އެންމެ ފުރަތަމަ އެވޯޑު ކަމަށާއި އެއީ ސީދާ ބެލުންތެރިންގެ ފަރާތުން ލިބުނު އެވޯޑެއް ކަމުން އެކަން އިތުރަށް ހާއްސަވާ ކަމަށެވެ.

"އަހަރެންގެ ޅަފަތުގެ ދައުރު ހޭދަކުރީ އައިއެމްޑީބީ ޕޯލްތަކަށް ވޯޓު ދިނުމުގައި. އެއީ ފިލްމީ ދުނިޔެއަށް އަހަރެން ވަންނަ މަގު. އެހެންވީމަ އެ އެވޯޑު އަހަންނަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް" އަހާން ބުންޏެވެ.

އަނީތު ބުނީ "ސައްޔާރާ"ގައި އޭނާ ދެއްކި ހުށައެޅުން ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދީތީ އުފާކުރާ ކަމަށާއި އެ އެވޯޑު ހާއްސަކުރާނީ ފިލްމުގެ ޓީމުގެ އިތުރުން ކޯ ސްޓާރު އަހާންއަށް ކަމަށެވެ.

އެއާއެކު ކުރިއަށް އޮތް ތަނުގައި އިތުރަށް މަސައްކަތް ކޮށް އެއަށްވުރެ ވެސް ރަނގަޅު ހުށައެޅުންތަކެއް ބެލުންތެރިންނަށް ގެނެސްދޭން ކެތްމަދު ވެފައިވާ ކަމަށް ވެސް އަނީތު ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރި "ސައްްޔާރާ" ވެގެން ގޮސްފައިވަނީ މިއަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ.