މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ އޮންލައިން ބްރޭންޑް "ޔީޒީ" ބަނގުރޫޓުވުމާ ކައިރިވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މީޑިއާގައި މި އަޑުތައް ގަދަވެފައި މިވަނީ ޝޮޕިފައިގައި ހިންގާ އެ ބްރޭންޑްގެ ފިހާރަ ކުޑަ ވަގުތު ކޮޅަކަށް ބަންދުކުރުމަށްފަހު އަލުން ހުޅުވިއިރު އަގުތައް ވަރަށް ބޮޑަށް ތިރި ކޮށްފައި ހުރުމުންނެވެ.

އެހެން ނަމަވެސް އެ ބްރޭންޑް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީ ޝޮޕިފައިގެ ގަވާއިދުތަކާ ހިލާފުވެ، ވިޔަފާރީގެ އުސޫލުތައް ދޫކޮށްލުމުން ކަމަށް ފަހުން އެނގިފައިވެ އެވެ.

އެގޮތުން "ޔީޒީ"އިން ވަނީ ހިންދޫންނާއި ބުޑިސްޓުންގެ ދީނީ ކަންކަމުގައި ބޭނުންކުރާ ނިޝާނެއް ކަމަށްވާ "ސްވާސްޓިކާ" ޖެހި ޓީޝާޓުތަކެއް ވިއްކާފަ އެވެ.

މިކަމާ ދެކޮޅަށް ގިނަ ބަޔަކު ޚިޔާލު ފާޅުކޮށް ޝޮޕިފައިއަށް ޝަކުވާ ހުށައަޅާފައިވާއިރު އެ ފިޔަވަޅަކީ އެކަމާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް ބުނެވެ އެވެ.

ފިހާރަ އަލުން ހުޅުވިއިރު އެ ޓީޝާޓުތައް ނަގާފައިވާ ކަމަށާއި މިހާރު އެ ބްރޭންޑްގައި ލިބެން ހުރީ މުޅިން އާ ޕްރޮޑަކްޓް ލައިންއެއް ކަމަށް ހަބަރުތައް ބުނެ އެވެ.

ކާންޔޭގެ ވިޔަފާރީގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި މިވަނީ ޔަހޫދީންނާ ދެކޮޅަށް އެކްސްގައި އޭނާ ކުރި ޕޯސްޓުތަކެއްގެ ސަބަބުން ހޫނު ފެނަށް ވެއްޓިފައި ވަނިކޮށެވެ.