ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ގިނަ ލައިތަކެއް ދޭތީ އޮޑިޓާ ޖެނެރަލް ހުސައިންް ނިޔާޒީ ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ރިސޯޓްތަކުގެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާތައް މައާފު ކުރުމުގައި ކުލި ދައްކާ ފަރާތްތަކާއި ކުލި ނުދައްކާ ފަރާތްތަކާ ދެމެދު އެއްވެސް ފަރަގެއް ނެތް ކަމަށެވެ.

ކުލި މައާފްދޭ ގޮތްތަކުގެ ތެރޭގައި ގަވާއިދަށް ބަދަލުގެނެސްގެން އެކަން ކުރުން ހިމެނޭ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި އެފަދަ ގޮތްގޮތަށް ކުލި މައާފްކުރުމަކީ ރިސޯޓް ހިންގާ ފަރާތްތަކަށް ކުލި ނުދެއްކުމަށް ހިތްވަރު ލިބޭ ކަމެއް ކަމަށެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި ހުއްޓެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ރިސޯޓު ކުލީގެ ގޮތުގައި ލިބެންޖެހޭ އަދަދު 38 ޕަސެންޓް ދަށްވެފައިވާކަން ފާހަގަކުރެވޭ ކަމަށް އެ ރިޕޯޓްގައިވެ އެވެ. އޭގެ ސަބަބަކީ ވެސް ދިން ލުއިތައް ކަމަށް އެ ރިޕޯޓްގައިވެ އެވެ.

އެގޮތުން 2022 ވަނަ އަހަރު ރިސޯޓްތަކުގެ ކުލި ދެއްކުމުގައި ބޮޑެތި ލުއިތަކެއް ދިނުމުން 4.1 ބިލިއަން ރުފިޔާ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެހުނު ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން 2023 ވަނަ އަހަރު ބައެއް ރިސޯޓްތަކާއެކު ސެޓްލްމެންޓް އެގްރީމެންޓް ހަދައި ކުއްޔާއި ޖޫރިމަނާތައް މައާފްކުރުމުން ދައުލަތުގެ އާމްދަނީ މަދުވި ކަމަށް އެ ރިޕޯޓްގައިވެ އެވެ.

"ކުލި ނުދެއްކުމާ ގުޅިގެން ޑެފާމެންޓް އެއްބަސްވުންތަކަށް އައި ނަމަވެސް، އެ އެއްބަސްވުންތަކަށް އިހްތިރާމު ނުކުރާ ފަރާތްތަކާއެކު، ތަކުރާރުކޮށް ޑެފާމެންޓް އެއްބަސްވުންތަކުގައި ސޮއި ކުރަމުން ދިއުމަކީ ކުލި ނުދެއްކުމުގެ ރޫހެއް އެފަދަ ފަރާތްތަކުގެ މެދުގައި އުފެދޭ ކަމެކެވެ." އޮޑިޓް ރިޕޯޓްގައިވެ އެވެ.

ޓޫރިޒަމް ދާއިރާ އިން ނުލިބޭ ކުލީގެ ފައިސާ ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

"ކުލި ނުދެއްކުމާ ގުޅިގެން ޑަފާމެންޓް އެއްބަސްވުންތަކަށް އައި ނަމަވެސް، އެ އެއްބަސްވުންތަކަށް އިހްތިރާމު ނުކުރާ ފަރާތްތަކާ އެކު، ތަކުރާރުކޮށް ޑަފާމެންޓް އެއްބަސްވުންތަކުގައި ސޮއި ކުރަމުން ދިއުމަކީ ކުލި ނުދެއްކުމުގެ ރޫހެއް އެފަދަ ފަރާތްތަކުގެ މެދުގައި އުފެދޭ ކަމެކެވެ." ޓެކްސް ފައިސާ ނުލިބޭ މައްސަލަތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ދެއްވި ލަފާގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން 2023 ގެ ނިޔަލަށް މީރާއަށް ލިބެންޖެހޭ އާމްދަނީގެ ގާތްގަނޑަކަށް 50 ޕަސެންޓަށްވާ ފައިސާ ނުލިބޭ ކަމަށެވެ. އެއީ 6.6 ބިލިއަން ރުފިޔާ އެވެ.