ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރި ޖެނިފާ ލޮޕޭޒް (ޖޭލޯ)ގެ ޒާތީ ހަޔާތަކީ އޭނާގެ ސަޕޯޓަރުންނާއި މީޑިއާގެ ސަމާލުކަން އަބަދުވެސް ލިބޭ ކަމެކެވެ.

މިހާތަނަށް ޖުމްލަ ހަތަރު ކައިވެންޏެއް ޖޭލޯ ކުރިއިރު އޭގެ ތެރެއިން އެންމެ ފުރަތަމަ ކައިވެންޏަކީ ގިނަ ބަޔަކަށް ނޭނގޭ ވަރަށް ކުރު ގުޅުމެކެވެ.

ހޮލީވުޑްގެ އެކްޓަރެއް ކަމަށްވާ އޮޖާނީ ނޯއާއާއެކު ޖޭލޯ ކުރި ކައިވެނި ދެމިއޮތީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެންނެވެ. އެ ކައިވެނި ރޫޅުނު ސަބަބު އޮޖާނީ ވަނީ މީޑިއާއަށް ހާމަވެސް ކޮށްފަ އެވެ.

ސްޕެއިންގެ ޓޯކް ޝޯއަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޮޖާނީ ބުނީ އެ މީހުންގެ ކައިވެނި ރޫޅުމުގެ މައިގަނޑު ސަބަބަކަށްވީ ޑިޑީ ކަމަށެވެ.

އެގޮތުން އެ މީހުން ކައިވެނި ކޮށްގެން އުޅުނު ދުވަސްވަރަކީ ޖެނިފާ އޭނާގެ ފުރަތަމަ އަލްބަމްގެ މަސައްކަތް ޑިޑީއާއެކު ކުރަމުން އައި ދުވަސްވަރު ކަމަށާއި އެ ދުވަސްވަރު އޭނާ ހުރީ ރަށުން ބޭރުގައި ކަމަށް އޮޖާނީ ބުންޏެވެ.

"އެ ދުރު ރާސްތާއާއި އެ ވަކިވުން ވެގެން ދިޔައީ ހުރިހާ ކަމެއްގެ ފެށުމަށް" ޖެނިފާއާއި އޭނާގެ ކައިވެނި ރޫޅުނު ގޮތް ކިޔައިދެމުން އޮޖާނީ ބުންޏެވެ.

އޮޖާނީއާއި ޖެނިފާ ކައިވެނި ކޮށްގެން އުޅުނީ 1997 ވަނަ އަހަރުގެ ފެބްރުއަރީއިން ފެށިގެން 1998 ވަނަ އަހަރުގެ ޖެނުއަރީއާ ހަމައަށެވެ. އެ ކައިވެންޏަށްވީ ގާތްގަނޑަކަށް 11 މަސް ދުވަހެވެ.

ޖެނިފާއާއި އޮޖާނީގެ ކައިވެނި ރޫޅުނުތާ އަހަރެއް ވެސް ނުވަނީސް ޑިޑީއާއި ޖެނިފާ ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީޑިއާއަށް ހާމަކޮށްފަ އެވެ.

އޮޖާނީ މި ބީދައިން ވާހަކަ ދައްކާފައިވަނީ ޖިންސީ ފުރައްސާރަ ކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ތުހުމަތުގައި ޑިޑީ ހައްޔަރު ކުރެވިފައި ވަނިކޮށެވެ.