ގައުމީ ދަތުރުފަތުރުގެ ނިޒާމު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތަށް ބޭނުންކުރާ ފެރީ ބަނުމަށްޓަކައި 100 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާއިން ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ މެއި މަހުގެ 18 ވަނަ ދުވަހެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު ވިދާޅުވީ އާރްޓީއެލް ފެރީތައް ބަނުމަށްޓަކައި އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދޭން އެއްބަސްވި 100 މިލިއަން ރުފިޔާ ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އެހީގެ ދަށުން 12 ފެރީ ބަނެ، އެއް ފެރީ ހަބް ގާއިމުކުރާނެއެވެ. އެއީ ރ. އުނގޫފާރުގައި ގާއިމުކުރާ ފެރީ ހަބެވެ. އެ މަސައްކަތުގެ ދަށުން އުނގޫފާރުގައި ގާއިމުކުރާ ފެރީ ހަބްގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންދިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ އާރްޓީއެލް ޚިދުމަތަށް ބޭނުންވާ ފެރީތައް މިވަގުތު ވެސް ބަންނަމުންދާ ކަމަށާއި އޭގެ ތެރޭގައި ބެކަޕް ގެ ގޮތުގައި ބޭނުންކުރާނެ ފެރީތައް ވެސް ހިމެނޭނެ ކަމަށެވެ.
އާރްޓީއެލްގެ ޚިދުމަތަކީ މުޅި ރާއްޖެ ފެރީގެ ނިޒާމަކުން ގުޅާލުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށް ފެށި ޚިދުމަތެކެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރު ނިމުނުއިރު ރާއްޖޭގެ އަށް އަތޮޅަކަށް ވަނީ މި ޚިދުމަތް ދީފައެވެ. އެފަހުން މި ސަރުކާރު އައުމަށްފަހު އިތުރު ހަތަރު އަތޮޅެއްގައި ވަނީ އެ ޚިދުމަތް ފަށައިފައެވެ.
މި ޚިދުމަތް ދެނީ ތިން ފިޔަވައްސެއް ހިމެނޭ ގޮތަށް ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ. މި ޚިދުމަތުގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު، ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.
އާރްޓީއެލްގެ ފެރީގެ ހިދުމަތް މިހާރު ދެމުން އަންނަނީ 11 އަތޮޅުގަ އެވެ. އެއީ ހއ، ހދ، ށ، ނ، ރ، ބ، ޅ، ގއ، ގދ ފުވައްމުލައް އަދި އައްޑޫ އެވެ.
އާރްޓީއެލް ފެރީ ހިދުމަތް މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ.