ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ހަރަކާތްތެރިވާ މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

މެންބަރު ޒިޔާދު މިފަދައިން ވިދާޅުވީ، ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ތައުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިންނާ ގުޅޭ ގަރާރަކަށް ބަހުސްކުރައްވަމުންނެވެ. އޭނާ ވަނީ، މި ދެ ދާއިރާގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި، މި މައްސަލަތައް ހައްލުކުރުމަށް ވަގުތު ނަގާނެކަން ފާހަގަކުރައްވާފަ އެވެ.

ޒިޔާދު ފާހަގަކުރެއްވި ގޮތުގައި، ސްކޫލުތަކުގައި މުވައްޒަފުންގެ ދަތިކަމުގެ އިތުރުން ބޭނުންވާ ވަސީލަތްތައް ވެސް މަދެވެ. ބައެއް ސްކޫލުތަކުގައި ގޮނޑިއާއި މޭޒު ވެސް ނެތް ކަމަށާއި، މުދައްރިސުންނަށް މަސައްކަތްކުރާނެ ރަނގަޅު މާހައުލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ސްކޫލުތަކުގައި ދެ ދަންފަޅިއަށް ކިޔަވާއިރުގައި 8 ގަޑިއިރު ހަމަކޮށްފައި މަޖުބޫރުވޭ އަނެއްޓީޗަރުންނަށް އެތަނުން ނުކުމެގެންދާން. އެސްޓާފް ރޫމްގައި ނޯވޭ ޖާގައެއް. އެއް މޭޒެއް އެއްގޮޑިއެއް ޝެއަރކޮށްގެން މިއަދު ރާއްޖޭގެ ގިނަ ސްކޫލުތައް މިހާރު ވެސް ހިނގަމުންދަނީ. އެހެންވީމަ ޓީޗަރުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ވެސް ސްކޫލުތަކުގައި ނެތް.
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ސިއްހީ ދާއިރާއަށް ވެސް އަލިއަޅުއްވާލައްވަމުން، މެންބަރު ޒިޔާދު ވިދާޅުވީ، ކުރީ ސަރުކާރުގައި ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އެގޮތުން ރަށްރަށުގެ ސިއްހީ މަރުކަޒުތައް ބޮޑުކޮށް، މުވައްޒަފުން އިތުރުކުރުމުގެ އިތުރުން، ސަރަހައްދީ ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިހާރު އެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ޒިޔާދު ފާހަގަކުރެއްވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެސް އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.