ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް އެނބުރި ވަޑައިގަތުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ބައިވެރިވެވަޑައިނުގަނެވުނީ ރާއްޖޭގައި ނެތުމުންކަން ހާމަވެއްޖެ އެވެ.

ރޭ ސަލްޓަން ޕާކުގައި ބޭއްވި މި ޖަލްސާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި، ޗެއާމަން ފައްޔާޒް އިސްމާއީލް ގެ އިތުުރުން އެޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއިރު، މި ޖަލްސާއިން ރައީސް ސާލިހު ނުފެނުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

މިއާއެކު ރައީސް ސާލިހުގެ ކޮއްކޮ އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލްސާގައި ރައީސް އިބޫއަށް ބައިވެރިވެޑައި ނުގެންނެވުނީ މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ އެވެ.

މީގެ އިތުރުންވެސް ނިޔާޒު ވަނީ ރޭގެ ޖަލްސާއަށް ރައީސް ސާލިހުގެ ފެކްޝަނުން ނުދާން ނިންމިކަމަށް ދެކެވުނު ވާހަކަތައް ވެސް ދޮގުކުރައްވާފަ އެވެ.

ނިޔާޒް ވިދާޅުވީ ޑިމޮކްރެޓްސް އާއި ދެ ޕާޓީ ކޯލަޝަން ހަދައިގެން މަސައްކަތްކުރުމުގައި ހިޔާލުތަފާތުވި ނަމަވެސް އަބަދުވެސް އެދުނީ އެމްޑީޕީއާ ގުޅިގެން އެއް ޕާޓީއެއްގެ ގޮތުގައި މަސައްކަކަތްކުރުމަށް ކަމަށާއި، 20 އަހަރު ވަންދެން އިސްލާހީ މަސައްކަތުގައި ދެގޮތެއްނުވެ އޮތް ހަމަ އެކަނި ބްރޭންޑަކީ އެމްޑީޕީ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ރައީސް ސާލިހު އިއުލާނުކުރައްވާފައިވާއިރު، މި އިންތިހާބުގައި ރައީސް ނަޝީދުވެސް ވާދަކުރައްވަފާނެ ކަމުގެ އިޝާރާތެއް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.

އެމްޑީޕީ ދޫކުރައްވައި، "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވަނީ ރޭގެ ޖަލްސާގައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.