އީރާނުގެ ސުޕްރީމް ލީޑަރު، އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަކޮށްލަން އިޒްރޭލުން ރޭވި ރޭވުން ހުއްޓުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.
އެމެރިކާގެ ސަރުކާރުގެ ސަރުކާރުގެ ތިން އޮފިޝަލަކު ބުނި ގޮތުގައި ޚާމަނައީ އަވަހާރަކޮށްލުމުގެ ޕްލޭން، އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޓްރަމްޕަށް ހުށަހަޅާފަ އެވެ. އެއާއެކު ޓްރަމްޕް ވަނީ އެއީ ރަނގަޅު ހިޔާލެއް ނޫން ކަމަށް ބުނެ އެކަމާ ދެކޮޅު ހަދާފަ އެވެ.
އިޒްރޭލުން މިދިޔަ ހުކުރު ދުވަހު އީރާނަށް އަމާޒުކޮށް ހަމަލާދޭން ފެށީއްސުރެ، ޓްރަމްޕާއި ނަތަންޔާހޫ އާ ދެމެދު މި މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ވާހަކަތަކަށް ޓްރަމްޕްގެ ފަރާތުން އަދި ރަސްމީ ގޮތުން އެއްވެސް ބަހެއް ބުނެފަ އެއް ނުވެ އެވެ.
އެހެން ނަމަވެސް އީރާނާއި އިޒްރޭލުގެ ހާލަތާ ގުޅޭގޮތުން ޓްރަމްޕް ވަނީ އިންޑިއާއާއި ޕާކިސްތާނުން ހެދި ފަދަ އެއްބަސްވުމެއް ހަދަން ޖެހޭ ކަމަށާއި އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާއިން އިޒްރޭލަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުގެ ދެވަނަ ބުރު ވެސް ކެންސަލްކޮށްފައިވާއިރު، އީރާނުން ބުނީ ހަމަލާތަކުގައި އެމެރިކާގެ އަތެއް އޮތްކަމަށް ބެލެވޭތީ އެ ގައުމާއެކު މަޝްވަރާކުރުމަށް މިހާރު ބޭނުންނުވާ ކަމަށެވެ.