އިންޓަނެޓުގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަބޫބޫ ސްޓައިލްގެ ލައިފް ސައިޒް ބުދެއް ޗައިނާގެ ނީލަމެއްގައި 150،000 އެމެރިކާ ޑޮލަރަށް ވިކިއްޖެ އެވެ.

ދަ ޔޮންގަލް އޮކްޝަންއިން އިންތިޒާމް ކޮށްގެން ބޭއްވި އެ ނީލަމުގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު ލަބޫބޫގެ ބުދަށް ލިބުނު އަގަކީ ރެކޯޑް އަގެކެވެ.

ނީލަމުގެ ތެރެއިން އެ ބުދު ގަންނަން 48 ހުށައެޅުން ލިބިފައިވާއިރު އެންމެ ކުޑަކޮށް ވެސް އެ ބުދަށް ހުށައަޅާފައިވާ އަގު ހާހުން މައްޗަށް އަރަ އެވެ.

ހޮލީވުޑްގެ ބައެއް ތަރިން ވެސް ގެންގުޅޭ އެ ސްޓައިލްގެ ބުދުތަކަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ "ކަލެކްޓިބަލް" އެކެވެ.

ލަބޫބޫއަކީ މިގެ 10 ވަރަކަށް އަހަރު ކުރިން ހޮންގްކޮންގެ އިލުސްޓްރޭޓަރެއް ކަމަށްވާ ކަސިންގް ލަންގް އުފެއްދި ކުޅޭ އެއްޗެކެވެ. އޭނާވަނީ 2019 ވަނަ އަހަރު އެ ބުދުގެ ރައިޓްސް ޕޮޕް މާޓްއަށް ދީފަ އެވެ.

ރެކޯޑް އަގަކަށް ލަބޫބޫ ބުދު ގަތް މީހާއަށް ލިބޭނީ ކޮން ޑިޒައިނެއް ނޭނގުނު ނަމަވެސް އެ ކަލެކްޝަނުގެ ކޮންމެ ބުދަކީ ވެސް އެއަށް ލޯބިކުރާ މީހުންނަށް ހާއްސަ ޑިޒައިނެކެވެ.