މި އަހަރުގެ ނިމުނު 5 މަސް ދުވަހު މަޝްރޫއުތަކަށް ހޭދަކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެ ބިލިއަން ރުފިޔާ ދަށަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކުރި ނަމަވެސް ސަރުކާރުން މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެކަމުގެ ކަންބޮޑުވުން އާއްމުން އަންނަނީ ފާޅުކުރަމުންނެވެ.
މިހެން ބަޖެޓުގައި އޮތް ނަމަވެސް، މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މެއި މަހުގެ 29ގެ ނިޔަލަށް މިފަދަ މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ 1.4 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 3.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ މަޝްރޫއުތަކަށް ކުރާ ހޭދަ ކުޑަވީ، ޕީއެސްއައިޕީއާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މި އަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
މީގެ ކުރިން ސަރުކާރުން ބުނި ގޮތުގައި މަޝްރޫއުތައް ކުރިއަށް ނުގެންދެވުނީ، އޭރު އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2024 ވަނަ އަހަރުގެ ބަޖެޓުގައި އެކަށީގެންވާވަރަށް މަޝްރޫއުތަކަށް ފައިސާ ހިމަނާފައި ނެތުމުންނެވެ.
ނަމަވެސް މިހާރު އޮތް 20 ވަނަ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީން ފާސްކުރި ބަޖެޓާއެކު ވެސް މަޝްރޫއުތައް ލަސްވާކަމުގެ ކަންބޮޑުވުން އިދިކޮޅުގެ ފަރާތްތަކާ ގިނަ އާއްމުވެސް އަންނަނީ ފާޅުކުރަމުންނެވެ.