އާޖެންޓީނާގެ ސިނަމާއެއްގައި މިފަހުން ބިރުވެރި ފިލްމެއް ބަލަމުން ދިޔަ ބަޔަކަށް ކުރެވުނު ބިރުވެރި ތަޖުރިބާއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ބިރުވެރި ފިލްމެއް ކަމަށްވާ "ފައިނަލް ޑެސްޓިނޭޝަން: ބްލަޑް ލައިންސް" އެޅުވި ސިނަމާއެއްގަ އެވެ.
ގިނަ ބަޔަކާއެކު އެ ފިލްމު ދައްކަމުން ދަނިކޮށް ފިލްމުގެ މެދުތެރެއިން ސިނަމާގެ ސީލިންގެ ބައެއް ވެއްޓި އަންހެނަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އޭނާގެ ދަރިފުޅާއި ރަހުމަތްތެރިއަކާއެކު އުފަން ދުވަސް ފާހަގަކުރަން އެ ފިލްމަށް ދިޔަ އެ މީހާ ސަލާމަތްވީ މަރުގެ އެތިފަހަރަކުން ވަރަށް ހަނި ގޮތަކަށެވެ.
މި ހާދިސާއާއެކު ގިނަ ބަޔަކު އަންނަނީ އޭރު އަޅުވާފައި އޮތް ފިލްމާއި އެ ހާދިސާއާ ގުޅުވައި ވާހަކަ ދައްކަމުންނެވެ. އެގޮތުން އެހާދިސާގެ ފަހަތުގައި ރޫހާނީ ކަމެއް ވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
"ފައިނަލް ޑެސްޓިނޭޝަން" ފްރެންޗައިޒްގެ ހަވަނަ ފިލްމު ރިލީޒް ކޮށްފައިވާއިރު އެ ފްރެންޗައިޒްގެ ހުރިހާ ފިލްމަކީ ވެސް ވަރަށް ބިރުވެރި ފިލްމުތަކެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ފިލްމުތަކެކެވެ.