ރާއްޖޭގައި ލަގްޒަރީ ރިސޯޓް ހިންގާ މަޝްހޫރު ސޮނޭވާ ކުންފުނީގެ ހިއްސާގެ ބޮޑުބައި އެމެރިކާގެ އޯލްޓަނޭޓިވް އިންވެސްޓްމަންޓް ކުންފުނި، ކޭއެސްއެލް ކެޕިޓަލް ޕާޓްނާސްއިން ގަނެފި އެވެ.
ކޭއެސްއެލްއިން އިއްޔެ މިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އެ ކުންފުނިން 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ސޮނޭވާ ކުންފުނީގައި ކުރި ކުޑަ އިންވެސްޓްމަންޓަށް ބިނާކޮށް ހެދި މުއާމަލާތެއް ކަމަށެވެ.
މިއާއެކު ސޮނޭވާ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ނީލް ގަލަގާ ވަނީ ހަމަޖައްސާފަ އެވެ. އޭނާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ޔޫރަޕާއި އެމެރިކާ އަދި މެދު އިރުމަތި އަދި ކެރީބިއަންގައި މަސައްކަތް ކުރައްވައިފަ އެވެ. އޭނާ އެންމެ ފަހުން ހުންނެވީ ކްލާމެންޓް ހޮޓެލްސްގެ ސީއީއޯ އަދި ސީއެފްއޯ މަގާމުގަ އެވެ.
ކޭއެސްއެލް އަކީ އެމެރިކާގެ އިކުއިޓީ އިންވެސްޓްމަންޓް ކުންފުންޏެކެވެ. މި ކުންފުނިން ތަފާތު ދާއިރާތަކުގައި ޚިދުމަތް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލިޓީ ދާއިރާ، މުނިފޫހިފިލުވުމުގެ ކްލަބްތައް، ރިއަލް އެސްޓޭޓް ވިޔަފާރި އަދި ދަތުރުފަތުރުގެ ޚިދުމަތްތައް ހިމެނެ އެވެ.
1995 ވަނަ އަހަރު ހުޅުވި އެކުންފުނީގެ ފުރަތަމަ ރިސޯޓް ސޮނޭވާ ފުށީގެ އިތުރުން، ސޮނޭވާ ޖާނި، ސޮނޭވާ ސީކްރެޓް އަދި ސޮނޭވާ އިން އަކުއާ ޔޮޓް ހިމެނޭގޮތަށް ގިނަ ރިސޯޓްތަކެއް ހިންގަމުން ގެންދެ އެވެ. މީގެ އިތުރުން، އެކުންފުނިން ތައިލެންޑުގައިވެސް ރިސޯޓެއް ހިންގަ އެވެ.
ސޮނޭވާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ލަގްޒަރީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ހިމެނޭ ބްރޭންޑެކެވެ. އަދި ދިވެހިރާއްޖެއަށް ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ތަޢާރަފުކުރި އެންމެ ފުރަތަމަ ރިސޯޓްކަން ފާހަގަކޮށްލެ ވެއެވެ.