މާ ގިނައިރު ވަޒީފާގައި އުޅުމަކީ އިންސާނާގެ ޖިސްމާނީ ސިއްހަތުގެ އިތުރުން ސިކުނޑިއަށް ގެއްލުން ދޭ ކަމެއް ކަމަށް ސައިންސްވެރިންގެ ދިރާސާއަކުން ހާމަވެއްޖެ އެވެ.
ދެކުނު ކޮރެއާގެ ދެ ޔުނިވާސިޓީއަކުން ގުޅިގެން ކުރިއަށް ގެންދިޔަ އެ ދިރާސާއިން އެނގުނު ގޮތުގައި ގިނައިރު ވަޒީފާގައި އުޅޭ މީހުންގެ ސިކުނޑީގެ ސެލްތަކަށް ބޮޑު ބަދަލެއް އާދެ އެވެ.
ދިރާސާގެ ތަހުލީލުތައް ކުރިއަށް ގެންގޮސްފައިވަނީ ދިރާސާގެ ބައިވެރިން ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ގިނައިރު ވަޒީފާގައި އުޅެންޖެހޭ މުވައްޒަފުންނާއި އަކަށޭޭނަ ވަގުތަކަށް ވަޒީފާގައި އުޅޭ މުވައްޒަފުންނެވެ.
މި ދެ ގްރޫޕްގެ ބައިވެރިންގެ އެމްއާރްއައި ސްކޭންތައް އަޅާކިޔުމުން ގިނައިރު ވަޒީފާގައި އުޅެންޖެހޭ މީހުންގެ ސިކުނޑީގެ "ސްޓްރަކްޗާ" ބަދަލު ވެފައިވާކަން ފާހަގަ ކުރެވުނެވެ.
އެއާއެކު އެ މީހުންގެ ސިކުނޑީގައި އިހުސާސްތަކާއި ޖަޒުބާތުތައް ކޮންޓްރޯލްކުރާ އިންސިއުލާއާއި ވިސްނުމުގެ ކަންކަން ކޮންޓްރޯލްކުރާ ފްރަންޓަލް ގައިރަސްއަށް އަސަރުކޮށްފައިވާކަން ވެސް އެނގުނެވެ.
ނަތީޖާއެއްގެ ގޮތުން އެފަދަ މީހުންގެ ވިސްނުމުގެ ބާރު ކޮށިވެ ނަފްސާނީ ސިއްހަތު ގޯސްވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ސައިންސްވެރިން ވިދާޅުވި އެވެ.
ދެކުނު ކޮރެއާގެ ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ ގަޑިއަކީ ހަފްތާއަކު 52 ގަޑިއިރު ނަމަވެސް ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުން އެއަށްވުރެ ގިނަ ވަގުތު ވަޒީފާގައި ގެންގުޅޭ ކަމުގެ ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ.