ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި "އަހާ'" ފޯރަމްގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ އޭނާ ވިދާޅުވީ އެކި މީހުން މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވާފައި ހުރި މެސެޖުތައް އެބަހުރި ކަމަށެވެ. އެކަމަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވީ ސުއޫދު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ސަރުކާރުން. ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެގެން އެކި އެކި ގޮތްގޮތުން ހުސްނުއްސުއޫދު އެކި އެކި މީހުން މެދުވެރިކޮށް ރައީސަށް ފޮނުވާފައި ހުރި މެސެޖުތަކާއި ރައީސާ ބައްދަލުވިއިރު، ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ އެބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒުފޯރުވާފައި ވެސް ހުންނާނީ އެބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވާފައި ހުންނާނީ ވެސް އެބޭފުޅާ،" އުޝާމް ވިދާޅުވި އެވެ.

އުޝާމް މިފަދައިން ވިދާޅުވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން މިދިޔަ ސަރުކާރުގައި ޖޭއެސްސީން ނެގި ވޯޓުގައި ބައިވެރިވެ އޭނާ ވަނީ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ވޯޓުދެއްވާފަ އެވެ.