އިތުބާރު ހުރިގޮތަކަށް އެނގިފައިވާ ގޮތުގައި މި ސިނގިރެޓްތައް އެތެރެކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހެދުމުގެ މަސައްކަތްކުރާ ސައުދީ ބިންލާދިން ގްރޫޕްގެ ނަމުގައި އެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރަކަށް އުޅޭ ޗައިނާގެ ޗައިނާ ހާބާ އިންޖިނިއަރިން އިން. މި ސިނގިރެޓުތައް އެތެރެކޮށްފައި ވަނީ ތައިލެންޑުން ކަމަށްވޭ. ނަމަވެސް މިކަމާ ގުޅިގެން އެ ކުންފުންޏާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް މިހާތަނަށް ކަސްޓަމްސް އިން ނުބުނޭ.

ޗައިނާގެ ކުންފުންޏަކުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު ކަސްޓަމްސް އިން ދާދިފަހުން އަތުލައިގެންފި އެވެ.

ސީ ކާގޯ ޓާމިނަލުން އަތުލައިގަތް މި ސިނގިރޭޓުތަކުގެ އަދަދު 122 މިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ޑޮލަރުން ބަލާނަމަ 7.9 މިލިއަން ޑޮލަރުގެ އަގުހުރި ސިނގިރޭޓެވެ. އޮފިޝަލުން ބުނިގޮތުގައި 40 ފޫޓުގެ 2 ކޮންޓެއިނަރުގެ ތެރެއިން ވަނީ 1،360 ކޭސް ސިނގިރޭޓު ފެނިފަ އެވެ.

ރާއްޖޭގެ ގާނޫނުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެކުރާނަމަ އޭގައި އިންޒާރު މެސެޖެއް ހުންނަން ޖެހެ އެވެ. އަދި އެތެރެކުރެވޭނީ ވަކި ހާއްސަ ހުއްދައެއް ލިބިގެންނެވެ.

އެހެން ނަމަވެސް މި ސިނގިރޭޓުތަކުގައި އެކަން ފުރިހަމަވެފައިނުވާއިރު ކަސްޓަމްސް އިން މިހާތަނަށް ސިނގިރޭޓު ވަގަށް އެތެރެކުރަން މަސައްކަތްކުރި ކުންފުނީގެ ނަން ހާމަކޮށްފަ އެއް ނުވެ އެވެ.

"ހުރިހާ"އަށް އިތުބާރު ހުރިގޮތަކަށް އެނގިފައިވާ ގޮތުގައި މި ސިނގިރެޓްތައް އެތެރެކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހެދުމުގެ މަސައްކަތްކުރާ ސައުދީ ބިންލާދިން ގްރޫޕްގެ ނަމުގައި އެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރަކަށް އުޅޭ ޗައިނާގެ ޗައިނާ ހާބާ އިންޖިނިއަރިން އިންނެވެ.

މި ސިނގިރެޓުތައް އެތެރެކޮށްފައި ވަނީ ތައިލެންޑުން ކަމަށްވެ އެވެ. ނަމަވެސް މިކަމާ ގުޅިގެން އެ ކުންފުންޏާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް މިހާތަނަށް ކަސްޓަމްސް އިން ނުބުނެ އެވެ.

ރާއްޖެއަށް ވައްދާ ސިނގިރޭޓުތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ވަގަށް ސިނގިރޭޓު އެތެރެކޮށް ވިއްކުމުގެ ވިޔަފާރި ފުޅާވަމުންދާކަމަށް އޮފިޝަލުން ގަބޫލުކުރާއިރު، ރާއްޖެއަށް މިފަދައިން ވަގަށް އެތެރެކޮށް ވިއްކާ ސިނގިރޭޓު ބްރޭންޑްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑަކީ މެންޗެސްޓާސް ބްރޭންޑް ގެ ސިނގިރޭޓެވެ.

މިކަމާ ގުޅޭގޮތުން ސްރީލަންކާގެ ނޫހެއް ކަމަށްވާ އިކޮނޮމީ ނެކްސްޓުގައި ލިޔެފައިވާގޮތުގައި ޓެކްސް ބޮޑުކުރުމާ އިގްތިސާދު ކޮންޓްރޯލް ކުރުމަކީ ގާނޫނާއި ހިލާފުވެ ކޮރަޕްޝަން އަށް މަގުފަހި ކުރުމަށް މެދުވެރިވާ ކަންތައްތަކެވެ.

އެ ނޫހުން ލިޔެފައިވާގޮތުގައި ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގާ ޑިއުޓީ 100 މިލިއަން ރުފިޔާ (6.5 މިލިއަން ޑޮލަރު) އިން 5 މިލިއަން ރުފިޔާ (325,000 ޑޮލަރު) އަށް ވަނީ ދަށްވެފަ އެވެ.

މިއާއެކު އިކޮނޮމީ ނެކްސްޓުން ރިޕޯޓްކުރާ ގޮތުގައި ރާއްޖެ އަށް އެތެރެކުރެވޭ މިފަދަ ތަކެތި "މުހުޑާ މެޑާ މާކެޓް" ނުވަތަ "ކަނޑުގެ މެދުގައި އޮންނަ މާކެޓް" މެދުވެރިކޮށް ސްރީލަންކާ ފަދަ ތިން ވަނަ ގައުމަކަށް އެތެރެކުރެވެ އެވެ.