ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެމްޑީޕީގެ މެމްބަރުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާތީ އެ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ނިންމި މައްސަލަ ދިރާސާކުރަން މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޖޭއެސްސީގެ ނިންމުމާ ދެކޮޅަށް އެމްޑީޕީގެ މެމްބަރު ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވާހަކަ ދައްކަވަން ފެށްޓެވި އެވެ. އަދި ޖޭއެސްސީގެ ނިންމުމުގައި ހުރި ހަމަނުޖެހޭ ވާހަކަތަކާއި ހަގީގަތާ ހިލާފް ވާހަކަތައް އެ ދެ މެމްބަރުން ފާހަގަކުރި އެވެ. އެކަމާ ގުޅިގެން ކޮމެޓީގެ ބައްދަލުވުން ހޫނުވި އެވެ.

އެގޮތަށް އެ ދެ މެމްބަރުން ވާހަކަ ދައްކަވަން ފެށުމުން ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ އެ ކޮމެޓީ ސިއްރު ކުރުމަށެވެ. އެކަމަށް ވޯޓަށް އަހަން ފެށުމުން, މައުރޫފާއި ނާޒިލް ވަނީ ސިއްރުކުރާ ބައްދަލުވުމެއްގައި ބައިވެރިވާން ބޭނުންނުވާ ކަމަށް ވިދާޅުވެ، ކޮމެޓީ ރޫމުން ނިކުމެވަޑައިގެންފަ އެވެ.

އެ ދެ ބޭފުޅުން ކޮމެޓީން ނިކުމެވަޑައިގަތް ނަމަވެސް ޕީއެންސީ މެމްބަރުންގެ ވޯޓުން ނިންމީ ކޮމެޓީ ސިއްރު ކުރުމަށެވެ.

ޖޭއެސްސީން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.