އިންސާނުންގެ ބަރުދަން އިތުރުވުމުގެ ސަބަބެއްގެ ގޮތުގައި އަހަރުމެންނަށް ބެލެވިފައި އޮންނަނީ އެމީހެއްގެ ކެއުމުގެ އާދަތަކެވެ. އެހެން ގޮތަކަށް ބުނާނަމަ އޭނާގެ "ކެލޮރީ އިންޓޭކް" އެވެ.

އެހެން ނަމަވެސް ފަހުގެ ދިރާސާއަކުން މިވަނީ ބަރުދަން އިތުރުވުމުގެ ފަހަތުގައި ވަނީ ހަމައެކަނި "ކެލޮރީ އިންޓޭކް" ނޫންކަން ހާމަވެފަ އެވެ.

ލޮފްބޮރޮފް ޔުނިވާސިޓީގެ ދިރާސާވެރިން ކުރިއަށް ގެންގޮސްފައިވާ މި ދިރާސާއިން އެނގުނު ގޮތުގައި އިންސާނުންގެ ކެއުމުގެ އާދަތަކުގެ އިތުރުން ދިރިއުޅުމުގެ އެހެނިހެން ކަންތައްތައް ވެސް ބަރުދަން އިތުރުވުމަށް މަގުފަހިވެ އެވެ.

އެގޮތުން އަހަރު ތެރޭގައި އިތުރުވާ ބަރުދަނުގެ އެންމެ ބޮޑު އެއް ސަބަބަކީ ދިރިއުޅުމުގައި އެއް ވައްޓަފާޅިއެއް ނުގެންގުޅެވުން ނުވަތަ "ލައިފްސްޓައިލް އިންސްޓެބިލިޓީ" އެވެ.

ދިރިއުޅުމުގެ އެކި ކަންކަމުގައި ވަކި ހަމައެއް ނުވަތަ އުސޫލެއް ނުގެންގުޅުމަކީ ލައިފްސްޓައިލް އިންސްޓެބިލިޓީގެ ސަބަބުން ވާ ކަމެކެވެ. މިއީ އިންސާނާގެ ސިކުނޑިން އުފައްދައިދޭ ހޯމޯންތަކަށް ބަަދަލު ގެނުވައިދޭ ކަމެކެވެ.

މީގެ އިތުރުން އާއްމު ދިރިއުޅުމުގައި ލިބޭ އަނިޔާތަކާއި ފާހަގަކުރާ މުނާސަބަތުތަކުގެ އިތުރުން ސްޓްރެސްއަކީ ވެސް ބަރުދަން އިތުރު ވުމަށް މަގުފަހިވާ ކަންކަން ކަމަށް އެ ދިރާސާގައި ބަޔާން ކޮށްފައިވެ އެވެ.

އެހެން ކަމުން ކެއުމުގެ އާދަތަކާ އެއްވަރަށް ދިރިއުޅުމުގައި ރަނގަޅު އާދަތައް ގެންގުޅުމަކީ ވެސް ދުޅަހެޔޮ ބަރުދަނެއްގައި ހުރުމަށް އެހީވެދޭނެ ކަމެކެވެ.