ރައީސް މުހައްމަދު މުއިއްޒު އިސްވެ ހުންނަވާގެން ދައުލަތުގެ އެކި މުއައްސަސާތަކުން ބޮޑެތި އަދަދުތަކުން ފައިސާ ނަންގަވާ ރައްޔިތުން މަޖިލީހުގެ ޕީއެންސީ އަށް ނިސްބަތްވާ ބައެއް މެންބަރުންނަށް ކޮންމެ މަހަކު ރިޝްވަތުގެ ހުތުރު ފައިސާ ބަހަމުން ގެންދާ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ތުހުމަތު ކުރައްވައިފި އެވެ.

އައްބާސް މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ރިޝްވަތުގެ ހުތުރު ފައިސާ ބަހަމުން ދިއުމަކީ ރައްޔިތުންނާއި ގައުމަށް ގައްދާރުވުން! މި ހުރިހާ މުޑުދާރު އަމަލުތަކެއް ހިންގަވަމުން ގެންދަވަނީ ސީދާ ރައީސް މުއިއްޒު ގެ މަކަރުވެރި ސިޔާސަތު އިސްކޮށް ރައްޔިތުންގެ މަޖިލިސްގެ ސުޕާރ މެޖޯރިޓީ ބޭނުންކޮށްގެން ކަމީ މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތް" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުއަސާސީ އާ ހިލާފަށް ދައުލަތުގެ ތިން ބާރު ރައީސް މުއިއްޒުގެ މުށުތެރެއަށް ލުމަށް ހިންގަވާ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ފާޅުގައި ބަސްބުނާނެކަމަށް އައްބާސް ވިދާޅުވި އެވެ.

މީގެ އިތުރުން އައްބާސް ވިދާޅުވީ ޕީއެންސީގެ މެންބަރުންނަށް ރައްޔިތުންގެ ހައްޤުގައި ބަސްބުނުމުގެ ހައްޤުވެސް ނޯންނަކަމަށާއި މަޖިލީހަށް ހުށައެޅޭ ބިލްތަކަށް އަމިއްލަ އިހުތިޔާރުގައި ރައްޔިތުންގެ ހައްޤުގައި ބަސްބުނުމުގެ ޖާގަ ހަނިކޮށްފައިވާ ކަމަށެވެ.

"ޕީޖީ ލީޑަރު ދެއްވާ ގަނޑު ބަލައިގެން ނޫންގޮތަކަށް ބަހުސްކުރުމުގެ ހައްޤުންވެސް މަހުރޫމްކޮށްފައި ވާކަމީ އަދުގެ ހާލަތު" އައްބާސް ވިދާޅުވި އެވެ.

ދޮގުހަދާ މަކަރުވެރި އަނިޔާވެރިއެއްގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށާއި ރައްޔިތުންގެ ހައްޤުގައި ހައްޤުބަސް ބުނެ މުޅި ދައުލަތް ޖަވާބުދާރީ ކުރުވުމުގައި ސާބިތުކަމާއެކު ދެމިހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.