ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސް ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ މި ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށާއި މީގެ ތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކު، ގައުމީ ހިދުމަތާއި ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިގުރާރެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ މި ޕްރޮގްރާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މީގެއިތުރުންވެސް ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސާވިސްގެ ތެރެއިން ސަލާމަތީ ހިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަހުލާގާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިހުތިރާމު ކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުމަކީ ވެސް މި ޕްރޮގްރާމްގެ މަގްސަދެއް ކަމަށް އެއޮފީހުން ބުނެ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ހިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދޭ ގޮތަށް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް ފަށާނެ ކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައި ވަނީ 2024 ވަނަ އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.