ފުވައްމުލަކުގެ ފެނުގެ މައްސަލަތައް ހައްލު ނުވެ ދިގުލައިގެން ދާތީ، ރަށުގެ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ފެނުގެ ވިއުގައިގެ މައި ހޮޅިއެއްގައި ލީކެއް އުޅޭތީ އެކަން މަރާމާތު ކުރުމަށްޓަކައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އާ ހަމައަށް މުޅި ރަށުން ފެނުގެ ހިދުމަތް ކަނޑާލާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ އިއުލާނުކޮށްފަ އެވެ. މި ހިދުމަތް މެދުކެނޑޭ ވަގުތުތަކުގައި ގޭގޭގެ ފެން ފިލްޓަރުތައް ނިއްވާލުމަށް އެ ކުންފުނިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި ބައެއް އާންމުން ބުނާ ގޮތުގައި، ކޮންމެ ރެއަކު މިފަދައިން ފެނުގެ ހިދުމަތް ކަނޑާތާ ހައެއްކަ ދުވަސް ވެއްޖެއެވެ. އަދި މިދިޔަ މަހު ވެސް ހަމަ މި އުސޫލުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް އެ މީހުން ފާހަގަކުރެ އެވެ.
ފެނަކައިން މަރާމާތުގެ މަސައްކަތްތަކެއް ކުރާ ކަމަށް ބުނި ނަމަވެސް، ފާއިތުވި މުއްދަތުގައި ރަށުގެ އެއްވެސް ސަރަހައްދެއްގައި އެފަދަ މަސައްކަތެއް ކުރާތަން ފެނިފައި ނުވާ ކަމަށް ރައްޔިތުން ބުނެ އެވެ. އެނގިފައިވާ ގޮތުގައި، ފެން އުފެއްދުމަށް ބޭނުންކުރާ ޕްލާންޓްތަކުގެ ތެރެއިން އެއް ޕްލާންޓް ހަލާކުވެ، ރަށުގެ ޑިމާންޑާ އެއްވަރަށް ފެން އުފެއްދުމުގެ ގާބިލުކަން ނެތުމުން، ފެން ރައްކާކުރާ ޓޭންކުތަކުގެ ލެވެލް ދަށްވުމުގެ ސަބަބުން މިހާރު މިޖެހެނީ ދަންވަރު ފެން ކަނޑާލާށެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ބޮޑުވެފައިވާއިރު، ފެނަކައިން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.
ސަފާރީއަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް ބީއެމްއެލް އިން
