ހިޔާ ފްލެޓްތަކުގެ ފަންނީ މީހުންނަށް ހާއްސަކޮށްފައިވާ ކެޓަގަރީތަކުގެ ފްލެޓް ދޫކޮށްލަން އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހިޔާ ފްލެޓް މަޝްރޫއުގައި ފަންނީ ދާއިރާއަށް ޚާއްސަކޮށްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި ސިވިލް ސާވިސްގެ ކެޓަގަރީގެ ފްލެޓްތަކެކެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ ފްލެޓްތައް ދިނުމާގުޅޭ ގޮތުން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ފަންނީ މީހުންނަށް ހާއްސަކޮށްފައިވާ ކެޓަގަރީތަކުގެ ފްލެޓް ދޫކޮށްލަން އެދުމުގެ ފުރުސަތު ހުޅުވާލަން ހުށަހަޅާފައިވެ އެވެ.

އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ތެރެއިން، ފަންނީ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތަކުގައިވާ ފަރާތްތަކުގެ ތެރެއިން، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުތަކުން އަގު ބޮޑު ނަމަވެސް ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކަކަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކަށް ވަނީ އެ ފުރުސަތު ހުވުވާލާފައިވާ ކަމަށެވެ. އަދި، ސަރުކާރުން މިހާރު ދަނީ އެ ފުރުސަތުގެ ބޭނުން ހިފައި ފްލެޓްތައް ބަދަލުކުރަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީގެ ރިޕޯޓާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ފަންނީ މީހުންނަށް ދީފައިވާ ފްލެޓްތައް ނެގުމަށްފަހު މާލޭ މީހުންނަށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑަށް ފެންނަ ގޮތަކީ ފަންނީ ފަރާތްތަކަށް ހޮވިފައިތިބި މީހުންގެ ފްލެޓްތައް އެބޭފުޅުންގެ އަތުން ނަންގަވައި އެބޭފުޅުންނަށް ކުރިއަށް އޮތް މަޝްރޫޢަކުން އެހެން ފުރުސަތުއް ލިބޭނެ ގޮތް ހަމަޖެހި އެބޭފުޅުންނަށް އެ ޔަގީންކަން ދެވި، އެ ނެގޭ ފްލެޓްތައް އެއީ މާލޭގައި ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށް، ދެރަ، ނިކަމެތިންނަށް، އެ މީހުންނަށް އެ ފްލެޓްތައް ލިބޭނެގޮތް ހަދައިދިނުން،" ހަސަން ލަޠީފް ވިދާޅުވި އެވެ.

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބުރޫކް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ލިސްޓަށް ކުރިޔަށް އޮތްތަނުގައި ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ފްލެޓްތަކުގެ ތަޅުދަނޑި މިމަހުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ 7،000 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، އެތަންތަން ދޭނެ ދާއިމީ ލިސްޓެއް ކަނޑައެޅިފައިނުވާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ބައެއް މީހުން ބުނެފައި ވަނީ ސަރުކާރުން ބޭނުން ވަނީ ކުރީގެ ސަރުކާރުން ފްލެޓް ދޭން ކަނޑައެޅި މީހުންގެ އަތުން ފްލެޓްތައް އަތުލައި، ސަރުކާރަށް ވަފާތެރި އެމްޑީޕީގެ މެމްބަރުންނަށާއި މާލޭގެ ރަށްވެހިންނަށް އެ ފްލެޓްތައް ބަހާލުމަށެވެ.