ބާރުގަދަ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ޗައިނާ ވައިޓް" ބޭނުންކުރި ބައެއް މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް އެތެރެހަށީގެ ހާއްސަ ޑރ. މުހައްމަދު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

ޑްރަގްގެ އާ ބާވަތެއް ދައުރު ވަމުންދާތީ އެކަމަށް ސަމާލުކަން ދިނުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ވަނީ އެދިފަ އެވެ.

އެ މިނިސްޓްރީން ނެރުނު އެންގުމުގައި ވަނީ ބައިނަލްއަގްވާމީ މާކެޓްގައި މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށް ވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" ނުވަތަ އާއްމު ނަމުން ނަމަ "ޗައިނާ ވައިޓް'' ދައުރުކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެ ޑްރަގް ހަދާފައި ވަނީ ބާރުގަދަ ކެމިކަލްތައް އެއްކޮށްގެންނެވެ. އަދި އެ ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާތީ، މިނިސްޓްރީން ވަނީ އެކަމަށް އާއްމުން ސަމާލުވުމަށް އެދިފަ އެވެ.

"މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި މިކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތައް ގުޅިގެން މި ދަނީ ކުރަމުންނެވެ." އެ ބަޔާނުގައި ވެ އެވެ.

ހޯމް މިނިސްޓްރީގެ ބަޔާން ނެރެފައި ވަނިކޮށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައެއް މީހުންނަށް ވަރަށް ބޮޑަށް އިންފެކްޝަން ޖެހި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ކަމަށެވެ. އަދި އެ މީހުންގެ ފަރާތުން އެނގުނު ގޮތުގައި އެ މީހުން ޗައިނާ ވައިޓް އާއި އެ ނޫން ވެސް ބާރުގަދަ ޑްރަގް ބޭނުންކުރި ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސްތުވާތަކެތި ބޭނުންކުރުމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް ނާޅާ ނަމަ އަޅުގަނޑުމެންގެ މަސައްކަތްތެރި އާބާދީ ނިމޭނީ ބޭކާރު ބައެއްގެ ގޮތުގައި،" ޑޮކްޓަރު ވިދާޅުވި އެވެ.

ފެންޓަނީލް އަކީ ނުރައްކާތެރި ޑްރަގެއް ކަމަށްވާ ހެރޮއިންގެ ބަދަލުގައި ބޭނުންކުރާ އެއްޗެކެވެ. އެމެރިކާގައި ވެސް ފެންޓަނީލްގެ މައްސަލަ ބޮޑުވުމުން ޗައިނާއާއެކު މިދިޔަ އޭޕްރީލް މަހު މަޝްވަރާކުރި އެވެ. އެއީ ހެރޮއިން އަށް ވުރެ 20-40 ގުނަ އަދި މޯފިން އަށް ވުރެ 100 ގުނަ ބާރުގަދަ އެއްޗެކެވެ.