ބޮލީވުޑުގެ މަޝްހޫރު ތަރި، ކަންގަނާ ރަނާއުތް، މިވަގުތު ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާއިން ލޯކް ސަބްހާ (މަޖިލިސް) އިންތިހާބަށް ކެމްޕޭނުކުރަމުން އަންނައިރު، އެ އިންތިހާބު ކާމިޔާބު ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފި އެވެ.

ބޮލީވުޑުގައި ކާމިޔާބު ވެފައިވާ މިންވަރަށް، ސިޔާސީ މައިދާނުގައި ވެސް ކާމިޔާބު ވެވޭނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ. ޖޫން 1 ވަނަ ދުވަހު، ހިމާޗަލް ޕްރަދޭޝްގައި ވޯޓުލުން ކުރިއަށް ދަނެ އެވެ.

ކަންގަނާ ވަނީ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ވީޑިއޯއެއް އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ. އަދި ފިލްމު ތައްޔާރުކުރުމުގެ ދަތިތަކާ އަޅައިބަލާއިރު، ސިޔާސީ ހަރަކާތްތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

"ހަ އާންމު ބައްދަލުވުމާ، ޕާޓީގެ މެމްބަރުންނާ ބައްދަލުވުމެއް މިއަދު ކުރިއަށް ދިޔަ. އެއް ދުވަހުން 450 ކިލޯމީޓަރު ދަތުރުކޮށްފިން. ރޭގަނޑު ވެސް ދަތުރުކުރުމުގެ އިތުރުން، ރަނގަޅަށް ކާން ވެސް ފުރުސަތެއް ނުލިބޭ،" ކަމަށް ކަންގަނާ ބުންޏެވެ.

ނަމަވެސް މި ގޮންޖެހުންތަކާއެކު ވެސް ކަންގަނާ ވަނީ އިންތިޚާބީ ވަޢުދުތައް ފުއްދާނެކަމުގެ ޔަގީންކަން ދީފަ އެވެ. ބޮލީވުޑުގެ މައިދާނުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކުން ލިބުނު ޖޯޝާއެކު، ރައްޔިތުންގެ ތާއީދާއެކު، މި އިންތިޚާބުން ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން ކަންގަނާ ވަނީ ހާމަކޮށްފަ އެވެ.