ދިވެހި ކުޑަކުދިން ބޮޑު ކުރަން ވާނީ އިސްލާމީ އުސޫލުތަކަށް ކަމޭހިތައި ދިވެހިވަންތަކަމަށް ލޯބިކުރާ، ގައުމު އިސްކުރާ ޖީލެއްގެ ގޮތުގައި ކަމަށާއި މިއީ ދިވެހިންގެ ޒިންމާއެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ފޮނުއްވި ހިތޯބުގައި ވިދާޅުވީ ކުޑަކުދީންނަށް ރައްކައުތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކުވެސް ދެމި ހުންނަން ޖެހޭ ކަމަށެވެ.

"މިކަމުގެ އެންމެ ރިވެތި ނަމޫނާ މުޅި އިންސާނިއްޔަތަށް ފެންނާން އޮތީ މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم ގެ ރިވެތި ސީރަތުންނެވެ. ދަރީން ފަދައިން ލޯބި ދެއްވައިގެން، ތަރުބިއްޔަތާއި، ރިވެތި ނަމޫނާއާއި، ދިރިއުޅުމަށް ބޭނުންވާނެ މުހިންމު ދަރުސްތައް އުނގަންނައިދެއްވައިގެން އެކަލޭގެފާނުގެ ނަބަވީ މަދަރުސާއިން ދަސްވެނިވެ މުޅި އިންސާނިއްޔަތަށް އަލިގަދަ ދަންމަރުތަކެއްކަމުގައިވީ ކިތައް ޝަޚްޞިއްޔަތުތޯއެވެ؟" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ރަށްރަށަށް އެމަނިކުފާނު ކުރައްވާ ޒިޔާރަތްތަކުގައި ވަރަށް ގިނަ ކުޑަކުދިން، އެ ކުދިން ކުޅިވަރު ކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށް ދިނުމަށް އެދިވަޑައިގަންނަވަ އެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ކުޑަކުދިންނަށާއި އާއިލާތަކަށް ބޭނުންވާނެ ފަދަ ޕާކުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާ ކުރާނެ ކަމަށެވެ.

އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުތުބުހާނާތައް ބިނާ ކުރަން ފަށައި ކުޑަކުދިންގެ ސިކުނޑިތަކަށް އިލްމާއި މައުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބަވަނަވަމުން މިދާ ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވަން ވާނީ ނުހަނު ހުޝިޔާރުވެ ތިބެ ކަމަށާޢި ޒަމާނީ ކޮންމެ އޮއިވަރަކާއެކު އަންނަ ނުކިއްސަރު ކަންކަމުން ދަރީން ދަފަރާ ކުރާން ހޭލުންތެރިވެ ތިބެން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ސަރުކާރުން މި ހުރިހާ ކަމެއްގައި ހުރިހާ މައިންބަފައިންނާއި، ބެލެނިވެރީންނާއި، ސަހަރޯވެރީންނާވެސް އެއްބާރުލައި އަތުގުޅާލައިގެން މަސައްކަތްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކުޑަކުދިންގެ ދުވަހެއް ފާހަގަ ކުރާއިރު، އިސްރާއީލްގެ އަނިޔާވެރިކަމުގެ ސަބަބުން ބިކަ ހާލުގައި އުޅެން ޖެހިފައިވާ އެތައް ހާސް ފަލަސްތީނު ކުދިންގެ ތަކުލީފުތަކުން ހިތަށް ހިތާމަވެރިކަން ކުރުވާ ކަމަށް ވެސް ރައީސްގެ ހިތޯބުގައި ފާހަގަކުރެއްވި އެވެ.

"އިސްރާއީލްގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، ހަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތައުލީމާއި، އާއިލީ ލޯބިން މަޙްރޫމްވަމުން އެދާ މައުސޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެ ވެސް ދަރީންނެވެ." ރައީސް ވިދާޅުވެފައިވެ އެވެ.