ނެޓްފްލިކްސް އިން އެންމެ ގިނަ ގައުމުތަކުން ބެލި ހިންދީ ވެބް ސީރީޒުގެ ލަގަބު ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ހީރާމަންޑީ" އަށް ލިބިއްޖެ އެވެ.

ނެޓްފްލިކްސް އިން މި މަހުގެ 1 ވަނަ ދުވަހު "ހީރާމަންޑީ" ރިލީޒްކޮށްފައިވާއިރު މި ސިރީޒްވެފައި މިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެންމެ ގިނަ ބަޔަކު ބެލި ވެބް ސީރީޒަށެވެ. މިހާތަނަށްް 43 މިލިއަންނަށް ވުރެ ގިނަ ވިއުޒް ލިބިފައިވާ މި ސީރީޒް އޮތީ ނެޓްފްލިކްސް ބަލާ 43 ގައުމެއްގެ ގަދަ 10 ގައި ހިމެނިފަ އެވެ.

އަދި އޭޝިއާގެ ބައްރުން "ހީރާމަންޑީ" އެއް ވަނައިގައި އޮތް ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

https://www.instagram.com/reel/C6tZE7UvtQG/?utm_source=ig_embed&ig_rid=bacfd77b-8253-484f-a9ec-add67111b413

މި ސީރީޒަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރުގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ ކިޔައިދޭ އަށް އެޕިސޯޑްގެ ސީރީޒެކެވެ. ވަރަށް ގްރޭންޑްކޮށް، ބަންސާލީގެ ފާޑުވެރިކަން ވަރަށް ބޮޑަށް ދައްކުވައިދޭ "ހީރާމަންޑީ" ގެ މައިގަނޑު ބަތަލާއިންނަކީ މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންހާ، އަދިތީ ރާއޯ ހައިދަރީ، ސަންޖީދާ ޝެއިހް، ރިޗާ ޗައްޑާ އަދި ޝަރުމިން ސޭގަލް އެވެ.

"ހީރާމަންޑީ" ގެ ބަތަލުންގެ ތެރޭގައި ފަރުދީން ޚާނާއި ތާހާ ޝާހާއި ޝޭކަރް ސުމަންގެ އިތުރުން އޭނަގެ ދަރިފުޅު އަދިޔަން ސުމަން ހިމެނެ އެވެ.

https://www.instagram.com/p/C5imQbbL4ka/

ބަންސާލީ އަކީ މިހާތަނަށް ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ. ބަންސާލީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ "ލަވް އެންޑް ވޯ" އެވެ. އޭގެ ތަރިންނަކީ "ގަންގޫބާއީ" ގެ ބަތަލާ އާލިއާ ބަޓާއި ފިރިމީހާ ރަންބީރް ކަޕޫރްގެ އިތުރުން ވިކީ ކޯޝަލެވެ.

ބަންސާލީގެ ޖާދޫ ދައްކުވައި ދިން މަގުބޫލު ފިލްމުތަކުގެ ތެރޭގައި "ޕަދުމާވަތު"، "ބަޖިރާއޯ މަސްތާނީ"، "ރާމް-ލީލާ"، "ދޭވްދާސް" އަދި "ހަމް ދިލް ދޭ ޗުކޭ ސަނަމް" ހިމެނެ އެވެ.