ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ބޭއްވޭ ގޮތެއް ނުވި އެވެ.

މަޖިލިހުގެ ޖަލްސާ ފެށުމަށް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:00 ގަ އެވެ. އެކަމަކު، އެ ގަޑީގައި ކޯރަމް ހަމަނުވެގެން ފެށޭ ގޮތެއް ނުވެގެން ޖަލްސާ ވަނީ ހެނދުނު 10:00 އަށް ފަސްކޮށްފަ އެވެ.

ނަމަވެސް ޖަލްސާ ފަސްކޮށްގެން ވެސް ބޭއްވޭ ގޮތް ނުވި އެވެ.

މަޖިލިހުގެ އިއްޔެގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ.

މަޖިލިހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވާފައިވާ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ވެސް ނުފެށި ދިގުލައިގެން ދިޔައިރު، މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. އެގޮތުން މެމްބަރުން ވަޒީރުންނާ ކުރައްވަން ހުށަހަޅާފައި އޮތް 21 ސުވާލެއްގެ ޖަވާބު ނުލިބި އޮތްއިރު، މަޖިލީހަށް ހުށަހަޅާފައިވާ 322 ޝަކުވާގެ ސިޓީއަކަށް ވެސް ޖަވާބު ނުދެވި އެބައޮތެވެ.

މި ހިނގާ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ ހޯމަ ދުވަހު އެވެ.

ވިހި ވަނަ މަޖިލީހުގެ ދައުރު ފެށޭނީ މި މަހު 28 ގައި އެ މެމްބަރުން ގާނޫނީ ހުވާ ކުރެއްވުމުންނެވެ.