ލަގެޖު ބަރުވެގެން ފައިސާ ދައްކަން އެދުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ އިއްތިހާދު އެއާވޭސްގެ މުވައްޒަފެއްގެ މޫނުމަތީގައި ޖެހި މައްސަލާގައި ހައްޔަރުކުރި މީހާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު މާރާމާރި ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް އެ މީހާ ވަނީ ދޫކޮށްލާފައި ކަމަށެވެ.

ނަމަވެސް އެ މީހާ އަށް ކުރި ޝަރުތަކީ ކޮބައިކަމެއް އަދި ސާފެއް ނުވެ އެވެ.

"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ޕާސްޕޯޓް ކޯޓުގެ އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފަ އެވެ.

އެއާޕޯޓުގައި ހުރި މީހަކު "ހުރިހާ"އަށް ކިޔައިދިން ގޮތުގައި އިއްތިހާދު އެއާވޭސްގައި ޔޫއޭއީގެ އަބޫދާބީ އަށް ފުރަން ދިޔަ އެ މީހާ ބަރުވެގެން ފައިސާ ދެއްކުމަށް އެންގުމުން ފުރަތަމަ އެކަމާ ދެކޮޅު ހަދައި ޒުވާބުކުރަން ފެށި އެވެ.

އެނގިފައިވާ ގޮތުގައި ފަސިންޖަރު ބަރުވުމުން އެއާލައިނުން ދައްކަން އެންގީ 30 ވަރަކަށް ޑޮލަރު ކަމަށްވެ އެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެމެރިކާ ޕާސްޕޯޓު ގެންގުޅޭ އިންޑިއާ ދަރިކޮޅުގެ މީހެއް ކަމަށްވެ އެވެ.

އެ މީހާ އެއާލައިން މުވައްޒަފަށް ހަމަލާ ދޭ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ ދައުރުވާން ފަށައިފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މާރާމާރީ ހިންގި މީހާ އެއާޕޯޓުގެ މުވައްޒަފަކަށް ހަމަލާދެ އެވެ. އަދި އޭނާ ހުއްޓުވަން މަސައްކަތްކުރާ ތަން ވެސް ވީޑިއޯއިން ފެނެ އެވެ.

ބިދޭސީމީހާ ހުއްޓުވަން އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން ވެސް މަސައްކަތް ކުރި އެވެ. އަދި އާންމުންގެ މީހަކު ފަހުން އެ ސަރަހައްދުން އެ މީހާ ދުރުކޮށް އޭނާ ގޮވައިގެން ދުރަށް ދެ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭގެ ފަހުންނެވެ.