ޔުނިސެފް އިންޑިއާގެ ނޭޝަނަލް އެމްބެސެޑަރަކަށް ބޮލީވުޑް މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހަމަޖައްސައިފި އެވެ.

ޔުނިސެފްގެ އެމްބެސެޑަރަކަށް ކަރީނާ ހަމަޖައްސާފައިވާއިރު ބަތަލާ އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ޔުނިސެފް އިންޑިއާއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ކަރީނާ ވަނީ މީގެ ކުރިން ޔުނިސެފް އިންޑިއާގެ ސެލެބްރިޓީ އެޑްވޮކޭޓެއްގެ މަގާމު ވެސް އަދާކޮށްފަ އެވެ.

"ކުޑަކުދިންގެ ހައްގުތައް، މި ދުނިޔޭގެ އަންނަން އޮތް ޖީލު ފަދަ މުހިންމު ކަންތައްތައް މަދު. އެކަންކަން ހައްލު ކުރުމަށް ޔުނިސެފްއާ ގުޅުން ކުރިއަށް ގެންދިއުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް،" އުމުރުން 43 އަހަރުގެ ބަތަލާ ކަރީނާ ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކަރީނާގެ އިތުރުން ޔުނިސެފް އިންޑިއާ އިން ވަނީ ކްލައިމެޓް އެކްޝަން، މެންޓަލް ހެލްތު، އިނޮވޭޝަންސް އަދި ގާލްސް އިން އެސްޓީއީއެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބު) ފަދަ މައްސަލަތަކުގައި ޕީއާރު ލީޑަރުންނާއި ޗެމްޕިއަނުން ކަމަށްވާ ޔޫތު އެޑްވޮކޭޓަރުން ވެސް ފުރަތަމަ ފަހަރަށް އައްޔަންކޮށްފަ އެވެ.

ކަރީނާ އެންމެ ފަހުން ފެނިފައިވަނީ ތާބޫ އާއި ކްރިތީ ސަނޯންއާ އެކު "ކްރޫ" އިންނެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި ބްލޮކްބަސްޓާ ފިލްމެކެވެ. ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ ރޯހިތު ޝެޓީގެ 'ސިންގަމް އެގެއިން' އެވެ.