ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން އަންނަ އަންގާރަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަހެވެ. ރަމަޟާން މަހަށްފަހު މުސްލިމުންނަށް އަންނަ އީދެވެ.

މި އަހަރު ވެސް އީދަށްޓަކައި އެތައް ކަމެއް ވަނީ ރޭވިފަ އެވެ. އިޖުތިމާއީ ފެންވަރުގައާއި ފަރުދީ ފެންވަރުގަ އެވެ. ވެރިރަށް މާލޭގައި ވެސް އީދުގެ ގިނަ ކުޅިވަރުތަކާއެކު އީދުގެ މުނާސަބަތު ފާހަގަ ކުރަން ހަމަޖެހިފައިވާއިރު ވަކިވަކި ފަރުދުން ދަތުރު ދިއުމާއި އެހެނިހެން އާއިލީ ރޭވުންތައް ވެސް ވަނީ ރާވާފަ އެވެ.

އެއާއެކު އީދަށްޓަކައި ރަށުން ބޭރަށް ދާން ނިންމި މީހުންނާއި އާއިލާތައް ވެސް މަދެއް ނޫނެވެ. ރާއްޖެތެރޭގެ ރަށްރަށާއި ރާއްޖެއިން ބޭރުގެ ގައުމުތަކަށެވެ. އެކަން މި ދުވަސްވަރު އެއާލައިންތަކާއި ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކަށް އޮތް ޑިމާންޑުން އެނގިގެންދެ އެވެ.

އެހެން ނަމަވެސް މިހުރިހާ ރޭވުމެއް "ފެނަށް" ގޮސްދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފަ އެވެ. ވެރިރަށް މާލެއަށް އިއްޔެގެ އަލި ވިލުނީ ބޯ ވިއްސާރައާއެކުގަ އެވެ. އެންމެންގެ އީދު ރޭވުންތައް "ނުރައްކަލަށް" ހުށައަޅަމުންނެވެ.

ދިވެހިންނަކީ އެއްވެސް އިރެއްގައި ފެނަށް ބިރުގަންނަ ބައެއް ނޫންކަން އަންގައިދެނީ ރާއްޖެތެރޭގައި އެންމެ ފޯރިއާއެކު ކުޅޭ އެއް އީދު ކުޅިވަރަކީ ފެން ޖެހުން ކަމަށް ވުމެވެ. ވިއްސާރަ ވެއްޖެނަމަ މި ފޯރި އިތުރަށް ވަރުގަދަ ވާނެކަން ޔަގީނެވެ.

މީގެ އިތުރުން ވެސް ބޯ ވިއްސާރައިގެ ތެރޭގައި އިހު ދިވެހިން ކުޅެ އުޅުނު ކުޅިވަރުތައް އެބަހުއްޓެވެ. ވީއިރު ވިއްސާރަ ވުމަކުން އީދުގެ ފޯރިއާއި ޖޯޝަށް ބަދަލެއް އަންނާނެ ކަމަކަށް ނުފެނެ އެވެ.

އެހެން ނަމަވެސް ވިއްސާރަވެއްޖެނަމަ ސަމާލުވާންޖެހޭ ކަންތައްތައް ހުންނާނެ އެވެ. ދަތުރު ފަތުރު ކުރުމުގައާއި އާއްމު ހަރަކާތްތައް ރޭވުމުގައި ކަމާބެހޭ އިދާރާތަކުގެ ލަފައަށް ރިއާޔަތް ކުރުން ވަރަށް މުހިއްމެވެ.