ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ހާއްސަ ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ހިތާ ގުޅިފައި އޮތް ގުޅުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި މ. ކޮޅުފުށީގައި މަގު ބައްތި ޖަހާ ނިމުން ފާހަގަ ކުރަން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ގަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް ކަމަށެވެ. ޒަމާނީ އިބާރާތުން ދަންނަވާ ނަމަ، އެއީ ހަޖަމް ނުކުރެވޭ ބައެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ފަރާތްތަކުން ދައްކާ ވާހަކައަކަށް ބަލާކަށް ނުތިބޭނަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުން ކުރަމުން ގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެވެ. ރާއްޖޭގެ ރައްޔިތުންގެ ތަރައްގީ އަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި އެކަމުގައި ފަސް ޖެހިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، މިއަދުގެ ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮށްދޭނަން،" ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު (ކ) އަދި އިންޑިއާ ސަފީރު: ފޮޓޯ: ފޮރިން މިނިސްޓްރީ

ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ބަލާލީމަ ފެންނާނެ ކަމަށެވެ. އަދި ކޮވިޑް-19 ގެ ނުރައްކާތެރި ވަބާގައި ރާއްޖެ އޮތް އިރު ވެސް މަޑުޖެހުމެއް ނެތި މަޝްރޫއުތައް ހިނގަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ކުދި ޕްރޮޖެކްޓުތައް، އެއީ މަގު ބައްތި ޖެހުން ކަމުގަައިވިޔަސް، ބަނދަރު ހެދުން، ސްކޫލް އެޅުން، ފެނާއި ނަރުދަމާގެ މަސައްކަތް، މިހިރަ ކަންތައްތައް އެހެރަދަނީ ހިނގަމުން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ކުރިއަށް އޮތް ތަނުގައި ބޮޑެތި މަޝްރޫއުތަކެއް ހިނގަން ފަށާނެއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ މަގުތައް ތަރައްގީ ކުރަން ފެށުމާއި ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއު ހިމެނޭ ކަން ޝާހިދު ވިދާޅުވި އެވެ.

"މާލެ އާއި ވިލިނގިއްޔާ ތިލަފުއްޓާ ގުޅާލެވިގެންދާ ރާއްޖޭގައި ހިނގޭ އެންމެ ބޮޑުއެއް މަޝްރޫއު މިހާރުނަގާ ބޮޑުކޮށްފަވަނީ، އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ލަހެއްނުވެ ފެށިގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގައި ކެންސަރުގެ ބައްޔަށް ބޭސް ކުރާ ފަރާތްތަކުން އެ އުފުލަމުން ގެންދާ ހިތްދަތި ކަމަށް ހައްލެއް ގެނައުމުގެ ގޮތުން ހުޅުމާލޭގައި ކެންސަރަށް ހާއްސަކޮށްގެން އަޅާ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.