ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލްގެ މެމްބަރުކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި އިތުރު ބަޔަކު އައްޔަން ކޮށްފި އެވެ.

އިންތިގަލީ ކައުންސިލުގައި ހިމެނޭނީ އޮޑިޓާ ޖެނެރަލާއި، ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލާ، ކޮމިޝަނާ އޮފް ޓެކްސޭޝަން، އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުން އޮޑިޓަ ޖެނެރަލް އައްޔަންކުރާ ދެ މެމްބަރުންނާއި، އެކައުންޓަންސީ ޕްރޮފެޝަންގެ ތެރެއިން ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އޮޑިޓާ ޖެނެރަލް އައްޔަންކުރާ ހަތަރު މެމްބަރުންނެވެ.

މެމްބަރު ޔައުގޫބު ހިމެނިވަޑައިގަތީ އެ މެމްބަރުންގެ ތެރޭގައެވެ. އޭނާގެ އިތުރުން ދެން އައްޔަން ކުރި މެމްބަރުންނަކީ ފަރީހާ ޝަރީފް، ހަސަން މުހައްމަދު އަދި މާލިކް މުހައްމަދެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ކައުންސިލަށް އައްޔަންކުރީ، އެސިސްޓަންޓް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި އެސްއޯއީ އަދި އެސްބީ އޮޑިޓް ޑިޕާޓްމަންޓުގެ ޑިރެކްޓަރު، އިބްރާހިމް ފަޒީލެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީ ފަންނު ރެގިއުލޭޓްކޮށް ކުރިއެރުވުމާއި، އިންސްޓިޓިއުޓްގެ މެމްބަރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، އެކައުންޓެންސީ ދާއިރާގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކަކީ، އެކައުންޓެންސީގެ ދާއިރާއިން ފަންނީ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުމެވެ.

ގާނޫނަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގައި އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު އެ އިދާރާއަށް ވަނީ ލިބިފަ އެވެ.