ކޮލަމްބޯ (މާޗް 8) - ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާގެ ވެރިކަން ރައްޔިތުން ނުކުމެ 2022 ވަނަ އަހަރު ވައްޓާލުމުން ސިންގަޕޫރުން ހިމާޔަތް ހޯދުމުގެ ކުރިން ދިވެހި ރާއްޖެ އިން ވެދީފައި ވަނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށް އެމަނިިކުފާނުގެ އާ ފޮތް "ދަ ކޮންސްޕިރެސީ ޓު އޫސްޓް މީ ފްރޮމް ޕްރެޒިޑެންސީ" ގައި ބުނެފި އެވެ.

ސްރީ ލަންކާގައި އިއްޔެ ނެރުނު ފޮތުގައި ގޯޓާބަޔާ ވަނީ 2022 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ވެއްޓެން ދިމާވި ހާދިސާތަކާއި އެކަމުގެ ފަހަތުގައިވާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިމަނައިފަ އެވެ. އޭގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ފެށި ވަރުގަދަ މުޒާހަރާތަކާއި ރިޔާސީ ގަނޑުވަރަށް އާއްމުން ވަދެގަތް ގޮތާއި އެތަނުން ނުކުމެވަޑައިގެން ހިމާޔަތް ހޯއްދެވި ގޮތް އަދި އެންމެ ފަހުން ގައުމުން ބޭރަށް ވަޑައިގެން އިސްތިއުފާ ދެއްވި ގޮތުގެ ވާހަކަތައް ހިމަނާފައިވެ އެވެ.

ކޮލަމްބޯގައި ހުންނަ ރައީސްގެ ރަސްމީ ގެކޮޅަށް އާއްމުން ވަދެގަތް ދުވަހާ ބެހޭ ގޮތުން ގޯޓާބަޔާ ލިޔުއްވާފައި ވަނީ ޖުލައި 8، 2022 ވަނަ ދުވަހު އެމަނިކުފާން ވަނީ ޑިފެންސް ފޯސްގެ ހެޑްކުއާޓަރުން ރައީސްގެ ގެކޮޅަށް އޮޕަރޭޝަން ރޫމް ބަދަލުކުރުމަށް ޑިފެންސް ސެކްރެޓަރީ ކަމާލް ގުނަރަތުނަ އަށް އިރުޝާދު ދެއްވާފައި ކަމަށެވެ. ބޭނުމަކީ ދިފާއީ އިސް ހުރިހާ އޮފިޝަލުން ރައީސްގެ ގެކޮޅުގައި ތިބުމެވެ. އެއީ މެއި 9، 2022 ގައި ހިނގި ފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށެވެ.

ރައީސްގެ ގެކޮޅަށް އާއްމުން އަރައިގަތް ދުވަހު އެތަނުން ސަލާމަތްވެވަޑައިގެންނެވި ގޮތް ތަފްސީލްކޮށްދެއްވަމުން ގޯޓާބަޔާ ލިޔުއްވާފައި ވަނީ އެ ދުވަހު ހެނދުނު 10.30 ގައި ސަލާމަތީ އޮފިޝަނުން ވަނީ ވަގުތުން ގެއިން ނުކުމެވަޑައިގަތުމަށް އަންގަވާފައި ކަމަށެވެ.

"ރައީސްގެ ގެކޮޅުގެ ކައިރިން އާއްމުން އެއްވަން ފެށިފަހުން ތައްޔާރުވެލަން ގަޑިއެއްހާ އިރު ވެސް އަޅުގަނޑަކަށް ނުލިބޭ. އެކަމަކު އޭގެ ކުރިން ސެކިއުރިޓީން ވަނީ އަޅުގަނޑުގެ ބައެއް ތަކެތި ޕެކްކުރަން އަންގާފައި. އެހެންވެ ދެ ފޮށި ވާނީ ތައްޔާރުކޮށްފައި. ލަގޭޖާ އެކު ގޭގެ ތިރިއަށް ފޭބުމާ އެކު ވެހިކަލަށް އަރަން މަޖްބޫރުވި. އޭރު ގޭގެ ކުރިމަތީގެ ގޭޓް ހަލާކުކޮށްލައިގެން މީހުން ވަންނަން ފަށައިފި. އެ ވަގުތު ބާސިލް (ގޯޓާބަޔާގެ ކޮއްކޮ) ވެސް ގޭގައި ހުންނެވި. އޭނާ ވެސް ވަނީ އަޅުގަނޑުމެންގެ ވެހިކަލަށް އަރާފައި. ދެން ގޭގެ ވަލު ދޮރާށިން ނުކުމެގެން ނޭވީ ކޭމްޕަށް އަވަހަށް ދިޔައީ. އެ ކޭމްޕުގައި ސަލާމަތީ ގޮތުން ދެ އުޅަނދެއް އޭރު އޮތް ތައްޔާރުކޮށްފައި. އޭގެ ތެރޭން އެއް އުޅަނދުގައި އަޅުގަނޑު ދަތުރުކުރީ. އަނެއް އުޅަނދު ދިޔައީ އަނެއް ކޮޅަށް ދުއްވާފައި. އެއީ އަޅުގަނޑު ސީދާ ދިޔަ ތަނެއް ނޭނގޭނެ ގޮތް ހެދުމަށް،" ގޯޓާބަޔާ ލިޔުއްވާފައިވެ އެވެ.

ގޯޓާބަޔާ ރާޖަޕަކްސާގެ އާ ފޮތް ލަންކާގެ ފޮތް

ގޯޓާބަޔާ ވިދާޅުވީ ކޮލަމްބޯ ހާބަރުން ނައްޓާލައިގެން ވަޑައިގެންނެވީ ޓްރިންކޮމަލީ އަށް ކަމަށެވެ. އެއް ރޭ އެތަނުގެ ނޭވަލް މަރުކަޒެއްގައި ހޭދަކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު ހެލިކޮޕްޓަރެއްގައި ކޮލަމްބޯ އަށް ވަޑައިގެން ކަޓުނަޔަކަ އެއާ ފޯސް ބޭސްގައި އަނެއް ރޭ މަޑުކުރެއްވި ކަމަށް ވިދާޅުވި އެވެ. ޖެހިގެން އައި ރޭ އެއާ ފޯސް މަތިންދާ ބޯޓެއްގައި ވަޑައިގެންނެވީ ރާއްޖެ އަށެވެ. ގޯޓާބަޔާ އަށް ރާއްޖެ އާދެވުނީ ޖުލައި 12 ވަނަ ދުވަހު މެންދަމު ތިނެއް ޖެހިއިރު އެވެ.

"ދިވެހި ސަރުކާރުން ވަނީ މާލެއާ 200 ކިލޯމީޓަރު ދުރު ރިސޯޓެއްގައި އަޅުގަނޑަށް ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައި. ސްޕީޑް ބޯޓެއްގައި ރިސޯޓަށް ދެވުނު އިރު އިރުއަރައިފި. މި ޕްލޭނުގެ ބޭނުމަކީ ޕްރައިވެޓް ބޯޓެއްގައި ސިންގަޕޫރަށް ދިއުން. އެކަމަކު ޕްރައިވެޓް މަތިންދާ ބޯޓް ވެލާނާ އެއާޕޯޓުގައި ޖައްސާކަށް އިންޑިއާ އިން އެއްބަހެއް ނުވި. އެހެންވެ ދެން އަޅުގަނޑު އެންގީ ކޮމާޝަލް މަތިންދާ ބޯޓަކުން ސިންގަޕޫރަށް ޓިކެޓް ނެގުމަށް. ސިންގަޕޫރަށް ދަތުރުކުރީ ސައުދީ އެއާލައިންސްގައި. ރާއްޖޭގެ ސަރުކާރުން ވަނީ ރިސޯޓުން އެއާޕޯޓަށް ދަތުރުކުރުމަށް ވަރަށް ރަނގަޅަށް ކަންކަން ފަހިކޮށްދީފައި. އަދި މަތިންދާ ބޯޓަށް އެރުމާ ހަމައަށް ހުރިހާ ކަމެއް ވެސް ރައްކާތެރިކަމާ އެކު އިންތިޒާމްކޮށްދިން. އަޅުގަނޑާ އެކު ތިބީ އަޅުގަނޑުގެ އަންހެނުންނާއި ދެ ބޮޑީގާޑުން. ރާއްޖޭގައި ހުރި އިރު އަޅުގަނޑު ވާނީ ލަންކާގެ ވަގުތީ ރައީސެއްގެ ގޮތުގައި ރަނިލް ވިކްރަމަސިންހަ ހަމަޖައްސާފައި،" ގޯޓާބަޔާ ލިޔުއްވާފައިވެ އެވެ.

ޖުލައި 9 ވަނަ ދުވަހުގެ ހެނދުނު ޑިފެންސް ސެކްރެޓަރީ އާއި އެއްގަމާއި ކަނޑާއި ވައިގެ ސިފައިންގެ ކޮމާންޑަރުން އެހެންވެސް ސަލާމަތީ އިސް އޮފިޝަލުން ތިބީ ރައީސްގެ ގެކޮޅުގައި ގާއިމްކުރި އޮޕަރޭޝަން ރޫމުގައި. ބޭނުމަކީ މުޒާހަރާ އަށް ނުކުތް މީހުން ކޮލަމްބޯ އަށް ނުވަދެވޭނެ ގޮތް ހަދައި ހުރިހާ މަގެއް ބަންދުކުރުން. އެކަމަކު އެއްވެސް މަގެއް ބަންދުކުރެވޭނެ ގޮތެއް ނުވި. އެންމެ ފަހުން އެމީހުން އައިސް ރައީސްގެ ގެކޮޅަށް ވަދެގަތީ
ގޯޓާބަޔާ

ސިންގަޕޫރަށް ގޮސް ހޮޓަލާ ހަމައަށް ދެވޭނެ ހުރިހާ ގޮތެއް ވަނީ ހަމަޖައްސައިދީފަ އެވެ. ސިންގަޕޫރަށް ދެވުމާ އެކު އިސްތިއުފާ ދޭން ގަސްދުކުރާ ވާހަކަ ޕާލަމެންޓުގެ ރައީސް މަހިންދާ ޔާޕާ އަބޭގުނަވަރުދަނާ އަށް އެންގެވި ކަމަށް ގޯޓާބަޔާ ވިދާޅުވެފައިވެ އެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެއްބަސްވި ގޮތަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

ގޯޓާބަޔާ ވިދާޅުވީ ރައީސްކަން ބޮޑުވަޒީރު ރަނިލް އަށް ހަވާލުކުރަން އޭނާ ނިންމެވީ އެ ހާލަތުގައި ގައުމުގައި ގާނޫނު ތަންފީޒް ކުރުމުގެ ގާބިލްކަން ހުންނެވި ހަމައެކަނި ބޭފުޅަކީ ރަނިލް ކަމަށްވާތީ އެވެ.

"ގައުމުގައި ގާނޫނު ހިންގަން ފެށުމުން އިގްތިސާދަށް ބޭނުންވާ ބޭރު ފައިސާ އޮޓޮމެޓިކުން ލިބޭނެ. އެކަމަކު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ޕާލަމެންޓްރީ ކޮމިޓީން ޖުލައި 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ، މުޒާހަރާކުރާ މީހުންގެ ޑިމާންޑްތަކަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ދިނުމުގެ ގޮތުން ރަނިލް ވެސް އިސްތިއުފާ ދިނުމަށް އެދިފައި. އެކަމަކު އިސްތިއުފާ ދެއްވަން ރަނިލް ދެކޮޅު ހެއްދެވި. އަދި އާ ސަރުކާރެއް ގާއިމްކުރެވެންދެން މަގާމުގައި ދެމިހުންނެވުމަށް ރަނިލް ނިންމެވި. ޕާލަމެންޓުގެ ރައީސް އަށް އަޅުގަނޑުގެ އިސްތިއުފާގެ ސިޓީ ފޮނުވީ ޖުލައި 14 ވަނަ ދުވަހު،" ގޯޓާބަޔާ ވިދާޅުވެފައިވެ އެވެ.

ގޯޓާބަޔާ އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ގެކޮޅަށް އާއްމުން ވަދެގަތުމާ އެކު އިސްތިއުފާ ދެއްވުމަށް އެދި އެސްއެލްޕީޕީގެ 16 ޕާލަމެންޓް މެންބަރުން ވަނީ އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައި ކަމަށެވެ. އެކަމަކު ރަނިލް ނިންމަވާފައި ވަނީ ޕާޓީތަކުގެ ލީޑަރުން ބޭނުންވާ ގޮތެއް ހުށަހެޅުމަށް ކަމަށް ގޯޓާބަޔާ ވިދާޅުވި އެވެ.

ގޯޓާބަޔާ އިތުރަށް ވިދާޅުވީ ރައީސްގެ ސެކްރެޓެރިއޭޓާއި ބޮޑުވަޒީރުގެ އޮފީހާއި ބޮޑުވަޒީރުގެ ގެކޮޅަށް އާއްމުން އަރައިގަތީ އެކުއެކީގައި ކަމަށެވެ.

"ބޮޑުވަޒީރު ރަނިލްގެ އަމިއްލަ ގެކޮޅު އަންދާލި. ދެ އަހަރާއި ނުވަ މަސްދުވަސް ވަންދެން ލަންކާގެ ރައީސްގެ މަގާމުގައި ހުރީ އަޅުގަނޑު. މީގެ ތެރޭން ދެ އަހަރާއި ފަސް މަސް ދުވަސްވަންދެން އަޅުގަނޑު ދިރިއުޅުނީ އަމިއްލަ ގޭގައި. މާޗް 31، 2022 ވަނަ ދުވަހު އަޅުގަނޑުގެ އަމިއްލަ ގޭގެ ކުރިމަތީގައި މުޒާހަރާ ކުރަން ފެށުމުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ރިޔާސި ގަނޑުވަރަށް ބަދަލުވީ،" ގޯޓާބަޔާ ލިޔުއްވާފައިވެ އެވެ.

ގޯޓާބަޔާ ވިދާޅުވީ ލަންކާގެ އާއްމުން މުޒާހަރާ އަށް ނުކުތީ އާއްމުންނަށް ބޭނުންވާނެ އަސާސީ ތަކެތި ލިބުން ދަތިވެގެން ކަމަށެވެ. އެކަމަކު ޖުލައި 9 ނުވަތަ ޖެހިގެން އަންނަ ދުވަސްތަކުގައި ލަންކާ އަށް ބޭނުންވާ ތަކެތީގެ ޝިޕްމަންޓްތައް ކޮލަމްބޯ އަށް އަންނަ ގޮތަށް އޮތީ ހަމަޖެހިފައި ކަމަށެވެ.

"3،700 ޓަނުގެ އެލްޕީ ގޭސް ހިފައިގެން އައި ބޯޓު ލަންކާގައި ވަނީ ޖުލައި 9 ގައި ބަނދަރުކޮށްފައި. އިންޑިއާގެ ކްރެޑިޓް ލައނުގެ ދަށުން 44،000 ޓަނުގެ ފާޓިލައިޒާ ހިފައިން އައި ބޯޓު ވެސް ޖުލައި 9 ގައި ކޮލަމްބޯގައި ބަނދަރުކުރި. އެހެން ގޭސް ޝިޕްމަންޓެއް ޖުލައި 10 ގައި ލިބުނު. ޖުލައި 9 ވަނަ ދުވަހުގެ ހެނދުނު ޑިފެންސް ސެކްރެޓަރީ އާއި އެއްގަމާއި ކަނޑާއި ވައިގެ ސިފައިންގެ ކޮމާންޑަރުން އަދި އެހެންވެސް ސަލާމަތީ އިސް އޮފިޝަލުން ތިބީ ރައީސްގެ ގެކޮޅުގައި ގާއިމްކުރި އޮޕަރޭޝަން ރޫމުގައި. ބޭނުމަކީ މުޒާހަރާ އަށް ނުކުތް މީހުން ކޮލަމްބޯ އަށް ނުވަދެވޭނެ ގޮތް ހަދައި ހުރިހާ މަގެއް ބަންދުކުރުން. އެކަމަކު އެއްވެސް މަގެއް ބަންދުކުރެވޭނެ ގޮތެއް ނުވި. އެންމެ ފަހުން އެމީހުން އައިސް ރައީސްގެ ގެކޮޅަށް ވަދެގަތީ. އެކަމާ ދެކޮޅަށް ކުރެވުނު ކަމެއް ނެތް،" ގޯޓާބަޔާގެ އާ ފޮތުގައި ލިޔުއްވާފައިވެ އެވެ.

ތެލާއި ކާބޯތަކެއްޗާއި އެނޫން ވެސް އަސާސީ ތަކެތި ލިބުން ދަތިވެ ލަންކާގެ އިގްތިސާދު އިނދަ ޖެހުމުގެ ސަބަބުން ޖުލައި 8، 2022 ގައި އާއްމުން ނުކުމެ ރައީސްގެ ގެކޮޅު ވަނީ ހިސާރުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ގޯޓާބަޔާ ފިއްލަވައިގެން ގައުމު ދޫކުރައްވައި ވަޑައިގެން ޖުލައި 14 ވަނަ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.