މިއަދު ބޭއްވުމަށް ތާވާލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މެމްބަރުން ހާޒިރުނުވާތީ އެޖަލްސާ މިއަދުގެ ފަހުގެ ގަޑިއަކަށް ފަސްކޮށްފި އެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ގަފޫރު މޫސާ އެވެ. ޖަލްސާ ފަށާ ގަޑި ޖެހުނު އިރު ވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ފެށުން ވަނީ 09:30 އަށް ފަސްކޮށްފަ އެވެ.

ޖަލްސާ ފަސްކުރިކަން އިއުލާންކުރައްވަމުން ރިޔާސަތުގައި އިންނެވި އަބްދުލް ގަފޫރު މޫސާ ވިދާޅުވީ މިއަދުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވި 11 މެމްބަރުންކަމަށެވެ. އެހެންކަމުން އަދިވެސް ޖަލްސާ ބޭއްވޭތޯ މަސައްކަތް ކުރުމުގެ ގޮތުން 9:30 ފަސްކުރާކަމަށެވެ.

މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ހުއްޓާލަން މި ޖެހުނީ ޖަލްސާ އާއްމުކޮށް ބާއްވަމުން އަންނަ އަދަދު މަދުކޮށް ޖަލްސާ ބާއްވަން ނިންމާފައިވަނިކޮށެވެ. އާއްމުކޮށް މަޖިލިސް ބާއްވަމުން އަންނަނީ ހަފްތާގެ ހޯމަ، އަންގާރ، ބުދަ ދުވަހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ފުރަތަމަ ކިޔުން ހިމެނެ އެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރުމަށް ގޮވާލާ ހުޅާހަޅާފައިވާ ގަރާރުގެ ބަހުސް ވެސް އެޖެންޑާ ކޮށްފައިވެ އެވެ.

މިއަދުގެ ޖަލްސާއަށް ގިނަ މެމްބަރުން ހާޒިރުވެފައި ނުވާއިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމަށް ބައެއް މެމްބަރުން އުޅުއްވަނީ އަތޮޅު ތެރެއަށް ވަޑައިގެންނެވެ.