ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި އާއިޝަތު އަފްނާންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ކަނޑައަޅައި އޭނާ އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ސުޕްރީމް ކޯޓުން މިއަދު ދީފި އެވެ.

މިއީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ހުށަހެޅި ކެންޑިޑެސީތަކުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުން ކެންޑިޑެސީ ބަލައިނުގަތް ކެންޑިޑެސީތަކުގެ ތެރެއިން ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ފުރަތަމަ ފަހަރެވެ.

އަފްނާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ތާއީދާ އެކުގައި މަޖިލިހަށް ކުރިމަތިލާ ކެންޑިޑޭޓެކެވެ.

އީސީން އަފްނާންގެ ކެންޑިޑެސީ ބަލައި ނުގަތީ ކެންޑިޑެސީ ފޯމާއެކު ހުށަހަޅަން ޖެހޭ ރަސްމީ އެޖެންޓުގެ ކުށާއި ދަރަނީގެ ރެކޯޑު ހިމަނާފައި ނެތް ކަމަށް ބުނެ އެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނީ އަފްނާނުގެ ފޯމުގައި، އޭނާގެ ރަސްމީ އެޖެންޓުގެ ދަރަންޏެއް ނެތް ކަމަށް ބުނާ ފެމިލީ ކޯޓުގެ ތަތްގަނޑާއެކު އެޓޭޗުމަންޓެއް ހިމަނާފައިވާއިރު އޭގައި މައުލޫމާތު މަދުކަން ޔަގީން ކުރަން އިލެކްޝަނުން މަސައްކަތް ކުރި ކަން ބެލެވެން ނެތް ކަމަށެވެ.

އެެ ކޮމިޝަނުން މަސައްކަތް ކުރި ނަމަ، މުއްދަތު ހަމަވުމުގެ ކުރިން މައުލޫމާތު ހަމަ ކުރުމަށް ކެންޑިޑެސީ ހުށަހެޅި ފަރާތަށް އަންގަން ފުރުސަތު ލިބޭނެ ކަމާއި، މައުލޫމާތު ހަމަނުވާ ކަން ޔަގީންކުރުމަށް ފަހު ކެންޑިޑެސީ ބާތިލް ކުރި ކަމަށް ވެސް ނިންމޭނެ ކަމަށް ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުން މި ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ރިޔާސަތުގައި އިންނެވީ މަހާޒެވެ.