ސިއްހީ ނިޒާމް ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށާއި ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ވެސް ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގުރާމްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސްގެ އަރިހުގައި އެމީހާ ވަނީ ހޮސްޕިޓަލްތަކުން އެޕޮއިންޓްމަންޓް ލިބުމުގައި ވަރަށް އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި، އެ ނިޒާމު އެއަށްވުރެ ރަނގަޅު ކުރަން މަސައްކަތް ކުރާނީ ކޮންއިރަކުތޯ ސުވާލު ކުރައްވާފަ އެވެ.

ސުވާލުތަކުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. ރާއްޖޭގައި މިހާރު ތިބި ސްޕެޝަލިސްޓުންނާއި، ސުޕަ ސްޕެޝަލިސްޓުން އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލަށް އިތުރުކުރުމަކީ މިހާރު ކުރަމުންދާ އެއް ކަންތައް ކަމަށާއި، ސްޕެޝަލިސްޓުން ނެތް ހޮސްޕިޓަލް ތަކަށް ވެސް ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ އިތުރަށް ބޭރުން ވެސް، ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ހޯދުމާ ކީ ވެސް މިހާރު ފަށާފައިވާ މަސައްކަތެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރުކުރެވުން ޑޮކްޓަރަށް ދެއްކުމަށް އިންތިޒާރުކުރަންޖެހޭ ވަގުތު މަދުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެޕޮއިންޓްމަންޓް ލިބޭ ދުވަސް ދުރާލައި އެނގޭނެ ގޮތަށް ނިޒާމު ބައްޓަން ކުރަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެޕޮއިންޓްމަންޓާ އެކީގައި ސީދާ ދުވަސް ލިބި، އިތުރަށް އިންތިޒާރު ކުރަން ނުޖެހޭ ގޮތަށް. އޭރުން ރަށްރަށުގައި ތިބެފައި ވަޑައިގަންނަވާ އިރުގައި ވެސް ރައްޔިތުންނަށް އިންތިޒާރު ކުރަން ޖެހޭ ގޮތް ނުވާނެ. ދެން ހޮސްޕިޓަލްގައި ވީހާވެސް ގިނަ ވަގުތު ޑޮކްޓަރުން ހިދުމަތް ދޭން މަޑު ކުރާ ގޮތަށް ބައްޓަން ކުރުމާއި މިކަހަލަ ކަންތައްތަކެއް އެބަ ކުރެވޭ. ތި ވިދާޅުވި ކަންތަކަށް ހައްލެއް ގެނެވޭނެ މަސައްކަތްތަކެއް މި ކުރަނީ." ރައީސް މުއިއްޒު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ އިތުރުން ޓާޝަރީ ހޮސްޕިޓަލް ހުންނަ ރަށްރަށުގައި ވެސް ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.