ކަރާޗީ (ފެބްރުއަރީ 15) - ޕާކިސްތާނުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ގައުމީ އިންތިޚާބުގައި އަމިއްލަ އަށް ފައިދާވާ ގޮތަށް ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ އިންތިޚާބުވި ކެންޑިޑޭޓަކު ގޮނޑި ދޫކޮށްލައިފި އެވެ.

ޖަމާއަތު އިސްލާމީ ޕާޓީގެ ހާފިޒް ނައީމުއްރަހުމާން ވާދަކޮށްފައި ވަނީ ކަރާޗީ ސިޓީގެ ޕްރޮވިންޝަލް އެސެމްބްލީގެ ޕީއެސް-129 ގެ ދާއިރާ އަށެވެ. ނަތީޖާ އިއުލާންކުރި އިރު އޭނާ އަށް އެ ގޮނޑި ކާމިޔާބުކުރެވިފައިވީ ނަމަވެސް ހާފިޒް ވިދާޅުވެފައި ވަނީ އޭނާ އަށް ކާމިޔާބުވި ކަމަށް ކަނޑައަޅާފައި ވަނީ ވޯޓު އޮޅުވާލައިގެން ކަމަށެވެ. އަދި އެ ދާއިރާ އަށް ވާދަކުރެއްވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އަށް ތާއީދުކުރާ ކެންޑިޑޭޓް މާގިނަ ވޯޓު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނާ ޚިލާފަށް އަހަރެމެންނަށް ކާމިޔާބު ހޯދައިދޭން ކޮންމެ ބަޔަކު މަސައްކަތް ކުރި ނަމަވެސް އެ ކަމެއް އަހަރެމެން ގަބޫލެއް ނުކުރާނަން. އާއްމު ރައްޔިތުން ނިންމާ ގޮތަކަށް އިހުތިރާމް ކުރަން ޖެހޭނެ. މޮޅުވާ މީހާ މޮޅުވީ. ބަލިވި މީހާ ބަލިވީ. އެ ފުރުސަތު އޮންނަން ޖެހޭނެ،" ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަހުމާން ވިދާޅުވި އެވެ. "ރައްޔިތުން ދިން އެއްޗަކަށް ވުރެ އިތުރު އެއްޗެއް ހޯދައިގެން ނުވާނެ."

ރަހުމާން ވިދާޅުވީ އިންތިޚާބުގައި އޭނާ އަށް ލިބިފައި ވަނީ 26،000 ވޯޓު ކަމަށެވެ. ނަމަވެސް ޕީޓީއައިގެ ތާއީދު އޮތް ސައިފް ބާރީ އަށް 31،000 ވޯޓު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ނަތީޖާ އިއުލާންކުރި އިރު ބުނެފައި ވަނީ ސައިފަށް ލިބުނީ 11،000 ވޯޓު ކަމަށް ވެސް ހާފިޒް ވިދާޅުވި އެވެ.

ވޯޓު އޮޅުވާލި ވާހަކަތައް ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ދޮގުކުރެ އެވެ.

ޖަލުގައި މިހާރު ބަންދުކޮށްފައި ހުރި އިމްރާން ޚާންގެ ޕީޓީއައިގެ ނަމުގައި ކެންޑިޑޭޓުން ވާދަކުރުމުގެ ހުއްދަ ދީފައެއް ނުވެ އެވެ. އެހެން ނަނަވެސް ވޯޓު އޮޅުވާލި ކަމުގެ ތުހުމަތާ އެކު ވެސް އެ ޕާޓީ އަށް ތާއީދުކުރާ ކެންޑިޑޭޓުން ވަނީ ނޭޝަނަލް އެސެމްބްލީގެ 93 ގޮނޑި ހޯދައިފަ އެވެ. ޕީޓީއައި އިން ބުނެފައި ވަނީ އެ ޕާޓީގެ ތާއީދު އޮތް ކެންޑިޑޭޓުން މިއަށް ވުރެ ގިނަ ގޮނޑި ހޯދާފައިވާ ކަމަށާއި ވޯޓު ވަނީ އޮޅުވާލާފައި ކަމަށެވެ.

ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ މުސްލިމް ލީގާއި އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ޕީޕީޕީ ގުޅިގެން މިހާރު ވަނީ ސަރުކާރެއް އުފައްދަން އެއްބަސްވެފަ އެވެ. މުސްލިމް ލީގަށް 75 ގޮނޑި ލިބުނު އިރު ޕީޕީޕީ އަށް ލިބިފައި ވަނީ 54 ގޮނޑި އެވެ. އިމްރާން ޚާންގެ ސަރުކާރު 2022 ވަނަ އަހަރު ވައްޓާލީ މުސްލިމް ލީގާއި ޕީޕީޕީ ގުޅިގެންނެވެ.