އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 381 މީހުން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދު މެންދުރު 2:00 އާ ހަމައަށް ވަނީ ހަމަވެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 381 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން ގިނަ ފޯމުތައް ފަހު ދެ ދުވަހު ހުށަހަޅާފައިވާތީ ހުރިހާ ފޯމެއްގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެ އެވެ.

މި ފަހަރު އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނާއި އިިދިކޮޅު އެމްޑީޕީންނެވެ. ތިން ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ސަރުކާރު ކޯލިޝަނުން ކެންޑިޑޭޓުން ނެރޭއިރު، އެމްޑީޕީން ވެސް ވަނީ ހަތަރު ދާއިރާއަކަށް ވާދަނުކުރާން ނިންމައިފަ އެވެ.

މީގެ އިތުރުން އެމްޑީއޭ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް އިންވެސް މި އިންތިހާބުގައި އެކި ދާއިރާތަކަށް ވާދަކުރެ އެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މަހު 17 ވަނަ ދުވަހު އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އެ ތާރީހު ބަދަލުވާނެ އެވެ. އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިންތިޚާބެއް ރަމަޟާން މަހާ ދިމާވާނަމަ އެ އިންތިހާބެއް ބޭއްވޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުންނެވެ.