ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ގައުމު ގެންގޮސްދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިހާރު ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އާންމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ހުޅުމާލެ، ފުލެޓް ނަންބަރު 21308، އަޙްމަދު ޝަރީފު ވަނީ ރާއްޖޭގައި ހަރަކާތެރިވާ އިންޑިއާ ސިފައިން ފޮނުވާލުމުގެ ކަންކަން ހިނގަމުންދާގޮތާއި މެދު ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީންކުރުމަކީ މި ސަރުކާރުން އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ ހުރިހާ މަސައްކަތެއް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ރަސްމީކޮށް ފައްޓަވާފައިވާ ކަމަށެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރިއަށްގެންދަވަނީ ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން ކަމަށާއި މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ފޮނުވާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު ގޮސްފައިވާ ހިސާބުން އިރާދަކުރެއްވިއްޔާ މި ފެށޭ މާޗު މަހުގެ 10 ވަނަ ދުވަހާ ހަމައަށްދާއިރު އެއް ޕްލެޓްފޯމުގެ ސިފައިން ގެންދާނަން. ދެން މެއި މަސް އަންނަންވާއިރަށް، މެއި މަހުގެ 10 ގެ ކުރިން ދެން ހުރި ޕްލެޓްފޯމުތަކުގެ ސިފައިން އިރާދަކުރެއްވިއްޔާ އަނބުރާ ގެންދާނަން. މިހިސާބަށް މިގެންދެވެނީ އިރާދަކުރެއްވިއްޔާ ޑިޕްލޮމެސީގެ ރިވެތި އުސޫލުތަކުން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އިންޑިއާ ސިފައިން މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަނބުރާ ގައުމަށް ގެންދިޔުމަށް ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް މިދިޔަ ޖެނުއަރީމަހު އިންޑިއާ ސަރުކާރަށް އަންގަވާފަ އެވެ.ރައީސް ވަނީ ރާއްޖޭގެ އަމިއްލަ ޤާބިލުކަން އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން، މާޗު މަހުން ފެށިގެން މެޑިކަލް އިވެކުއޭޝަންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު އަމިއްލައަށް ބެލެހެއްޓޭނެ ގާބިލުކަން އިތުރު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.