ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް، ޓިކެޓު ކަށަވަރުކުރި އެޕާޓީގެ އާންމު މެމްބަރުންގެ ވޯޓުން ކަމަށާއި އެމްޑީޕީން ވަކިކުރި ނަމަވެސް މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ކާށީދޫ ދާއިރާގެ ގޮނޑި މިހާރު ވެސް ފުރުއްވަމުން ގެންދަވާ ޖާބިރު އެމްޑީޕީން ވަކި ކުރުމަށްފަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު އޭނާއަށް ނުދޭން އެމްޑީޕީން ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މިގޮތަށް ނިންމީ އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ބެލުމަށް ފަހު، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސަލަހަތު ގެއްލޭ ގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުން ގެންދާތީ ކަމަށް ބުނެ އެވެ.

ޖާބިރު ވަކި ކުރަން އެމްޑީޕީން ނިންމީ ކޮން ގަވާއިދެއްގެ ދަށުންކަން އެ ޕާޓީއަކުން ނުބުނެ އެވެ.

އެމްޑީޕީގެ އެނިންމުމާއި ބެހޭ ގޮތުން ޖާބިރު ވިދާޅުވީ އޭނާ އެމްޑީޕީން ވަކިކުރީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށާއި މިކަމާ ގުޅިގެން އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ނިންމުން ނިންމި ގައުމީ މަޖިލީހުގެ މެންބަރުންނަށް ދައުވާ ކުރާނަކަމަށެވެ.

ކަށިދޫ ދާއިރާއަށް ވާދަކުރަން ޓިކެޓު ދިނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެމްޑީޕީން ވަކިކުރި ނަމަވެސް އިންތިހާބުގައި ވާދަކޮށް ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓު ޖާބިރު ކާމިޔާބު ކުރެއްވިއިރު، އޭނާގެ ދަރިފުޅު މުއާޒު އަބްދުﷲ ޖާބިރު ވަނީ މަހިބަދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓު ހޯދައިފަ އެވެ.

މި ހިނގަމުންދާ މަޖިލިސް 19 ގެ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓަށް ވެސް ޖާބިރު ވާދަކުރެއްވި އެވެ. ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ބަލިވި ނަމަވެސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެކަމާ ގުޅިގެން ޖާބިރު 2019 ގައި ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ޖާބިރު އިންތިހާބުވެވަޑައިގެންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ވާދަކުރައްވައިގެންނެވެ. އޭގެ ފަހުން މިހާރު އުވާލާފައިވާ ޑީއާރްޕީގެ ލީޑަރުގެ މަގާމުވެސް އަދާކުރެއްވި ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.