ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޒިންމާ އަދާކުރެއްވުމުގައި ރައްޔިތުންގެ މަސްލަހަތާއި މެމްބަރުންގެ މަސްލަހަތާއި ހައްގުތައް ހިމާޔަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބު ކުރީ މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. އަސްލަމް އެ މަގާމަށް އިންތިހާބުކުރީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު މިއަދު އިސްތިއުފަ ދެއްވުމުންނެވެ.

މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު އަސްލަމް ވިދާޅުވީ މަޖިލިސްގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މެމްބަރުންގެ އެއްބާރުލުމާއި ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. މަގާމުގެ ޒިންމާ އަދާކުރުމުގައި ރައްޔިތުންގެ މަސްލަހަތާއި މެމްބަރުންގެ މަސްލަހަތާއި ހައްގުތައް ހިމާޔަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބު ކުރުމަށް ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ޝުކުރު އަދާ ކުރެއްވި އެވެ. އަދި މިއަދާ ހަމައަށް މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހަށާ ރާއްޖޭގެ ބަރުލަމާނީ ނިޒާމަށް ކޮށްދެއްވި ބުރަ މަސައްކަތްތަކަށް ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާކީ މިއޮތް މުއްދަތަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށް އަޅުގަނޑުގެ ގާބިލިއްޔަތާއި ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެން. މަޖިލީހުގެ ގަވާއިދާ ގާނޫނުއަސާސީ އާއި މަޖިލީހުގައި ބަޔާން ކުރާ ހަމަތަކާއި އުސޫލްތަކުގެ ތެރޭގައި މަޖިލިސް ކުރިއަށް ގެންދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަަށް އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް އާއި ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ނަން ހުށަހަޅާފައިވެ އެވެ.

މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބު ކުރަން ވޯޓު ދެއްވާފައި ވަނީ 53 ވޯޓެވެ. އާޒިމްއަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.