ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ މ. ގުލްޝަން، ދީބާނާޒް ފަހުމީ އާއި ފ. ބިލެތްދޫ، މޯނިންގްވިލާ، މުހައްމަދު ސަލީމް އެވެ.

މި ދެބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވި ދީބާނާޒް ފަހުމީއަކީ ގާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ހާސިލް ކުރެއްވުމަށްފަހު، މާސްޓާ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވަސިޓީ އޮފް ކެންޓަބަރީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ދީބާނާޒް ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އޭނާ މިވަގުތު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގަ އެވެ. އެ މަގާމަށް ދީބާނާޒް އައްޔަންކުރީ ސެޕްޓެންބަރު 2، 2020 ގައެވެ.

ދެން ފަނޑިޔާރަކަށް އައްޔަނުކުރެއްވި މުހައްމަދު ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާ އިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. އޭނާއަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. 

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މި ދެބޭފުޅުން އައްޔަންކުރަން ނިންމާ ޖޭއެސްސީން އެކަން އިއުލާން ކުރީ މިދިޔަ ޖުލައި ހަތްވަނަ ދުވަހު އެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ކުރިން އެ މަގާމުތަކުގައި ތިއްބެވި އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި ހަމީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ.

ހައިކޯޓަށް ފަނޑިޔާރު އައްޔަން ކުރުމުގެ އިތުރުން މިއަދު ވަނީ ދެ މެޖިސްޓްރޭޓް ކޯޓަށްވެސް ފަނޑިޔާރުން އައްޔަން ކޮށްފަ އެވެ.