ހާލުދެރަވެ އައިސީޔޫގައި ފަރުވާދެމުން ގެންދާ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރްގެ ބަލި ހާލަތު ރަނގަޅުވަމުންދާ ކަމަށް ލަތާގެ ޑޮކްޓަރު ބުނެފި އެވެ.
މުމްބާއީ ބްރީޗް ކެންޑީ ހޮސްޕިޓަލްގެ އައިސީޔޫގައި ލަތާ އެޑްމިޓްކުރީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހާލު ދެރަވުމާ ގުޅިގެންނެވެ. މީގެ ކުރިން ލަތާގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ވެސް ހަބަރު ފެތުރިފައިވެ އެވެ.
އެހެން ނަމަވެސް ލަތާގެ ޑޮކްޓަރު، ޕްރަތީތް ސަމްދާނީ ވަނީ ލަތާގެ ހާލު ރަނގަޅުވަމުންދާ ކަމަށް ބުނެފަ އެވެ. އަދި ލަތާ މިހާރު ވަނީ ވެންޓިލޭޓަރުގެ ސަޕޯޓުން ދޫވެފައި ކަމަށް އޭނާ ބުނެ އެވެ.
ޕްރަތީކް ބުނީ ލަތާ އައިސީޔޫ އޮބްޒަވޭޝަންގައި އިތުރު ދުވަސްތަކަކަށް ބާއްވަން ޖެހޭ ކަމަށެވެ. އަދި ލަތާގެ ހާލަތު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންދާ ކަމަށާއި، އޮބްޒަވޭޝަން ނިމިމުން ލަތާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި ލަތާ ދަނީ ނިއުމޯނިޔާއަށް ވެސް ފަރުވާ ހޯދަމުންނެވެ. ނަމަވެސް މިވަގުތު އޭނާއަށް ފަރުވާދެމުން ގެންދަނީ އޮކްސިޖަން ގުޅައިގެން ނޫން ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.
ލަތާއަކީ މުޅި އިންޑިޔާގައި ވެސް ފާހަގަކޮށްލެވޭ ފެންވަރުގެ މޮޅު ލަވަކިޔުންތެރިއެކެވެ.
އޭނާ ވަނީ ބޮލީވުޑްގައި ލަވަކިޔުމުގެ އިތުރުން މިއުޒިކް ޑައިރެކްޓްކޮށްދީ، ޕްލޭބެކް ސިންގިންގައި ބޮޑު ރޯލެއް އަދާކޮށްފީފަ އެވެ.
ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލާ ދެކޮޅަށް ޕެޓިޝަނެއް
މުޒާހަރާ ކުރިއަށްގެންދަން ބޭނުންވަނީ މަޖީދީމަގުގައި: އެމްޑީޕީ
ކަންގަނާގެ ރާގު ބަދަލު ވެއްޖެ: "ޖެން-ޒީ އަކީ ގައުމުގެ ކުރިއެރުން"

ޤާަބިލު މީހަކީ ފަތުހީި