ރައްޔިތުންގެ މަޖިލިހުގެ ގޯތިތެރޭގައި މެމްބަރުން ދުންފަތުގެ އިސްތިއުމާލް ކުރައްވާ މަންޒަރު ފެންނަ ވީޑިއޯއާއެކު، ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

މި ބަހުސް އުފެދިފައި ވަނީ މަޖިލިހުގެ އިދާރާގެ ގޯތިތެރޭގައި މެމްބަރުންތަކެއް ދުންފަތުގެ އިސްތިއުމާލް ކުރައްވަން ތިބި ވީޑިއޯއެއް، ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ރީޓުވީޓު ކުރައްވައި މެމްބަރުންނަށް ސުވާލެއް އަމާޒު ކުރެއްވި ހިސާބުންނެވެ. އެ ސުވާލުގައި ވަނީ މަޖިލިހުގެ އިދާރާގައި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ހުއްދަ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި އޮތްތޯ އެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ މަޖިލިހުގެ މެމްބަރުންތަކެއް މަޖިލިހުގެ އިދާރާގެ ކުޑަ ދަށުގައި ތިއްބަވައިގެން ހޫނު ޒުވާބެއް ކުރައްވަމުން ގެންދެވި މަންޒަރެވެ. އެ ޒުވާބު ހިނގީ ކޮވިޑް-19 ޖެހިފައި ހުރި މީހަކު ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީއަށް ގެންދިއުމަށް އެ ރަށު ބަޔަކު ހުރަސް އެޅި މައްސަލައިގައެވެ. އެ ބަހުސް ހިނގާފައި ވަނީ މަޖިލިހުގައި ތިއްބެވި ހުވަދު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ މެދުގަ އެވެ.

އެ ބަހުސް ކުރިއަށް ދިޔައިރު، ކުޑަ ދަށުގައި ހުރި މޭޒު މަތީގައި ސިނގިރޭޓު ފޮށިތައް ހުއްޓެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ކުޑަ ދޮށުގައި ހުންނެވީ ވޭޕް ބެއްލެވުމަށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގާނޫނުގައި ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ދުންފަތް އިސްތިއުމާލް ކުރުމަކީ މަނާ ކަމެކެވެ.

މަޖިލީހުގެ ގޯތިތެރޭގައި ހުރި ކުޑައެއްގެ ދަށުގައި މެމްބަރު ހުސޭން ވޭޕެއް ހިފަހައްޓައިގެން.

މި ބަހުސްގައި ބައިވެރިވި ބައެއް އާންމުން ވަނީ މަޖިލިހުގެ މެމްބަރުންނަކީ ގާނޫނަށް ވުރެ މަތީގައި ތިބި ބައެއް ކަމަށް ބުނެފަ އެވެ. އަދި މަޖިލިހުގެ ގޯތިތެރޭގައި މެމްބަރުން ތިއްބެވި އިރު، މާސްކު އަޅާފައި ނެތުމާއި ގައިދުރުކަން ނުބެހެއްޓުމުން ބައެއް މީހުން ސުވާލު އުފެއްދިއެވެ.

ގީލާ އަލީ ނަމުގައި ޓުވިޓާގައި ކޮމެންޓު ކުރި މީހަކު ބުނީ މަޖިލިހުގެ އިދާރާގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާވާނެ ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ރައީސް އޮފީސް ޓެގްކޮށް އޭނާ ބުނީ ފިޔަވަޅު އެޅުމުގައި ފަސް ޖެހިގެން ނުވާނެ ކަމަށެވެ.

އެކަކު ބުނީ، މިއީ ގާނޫނު ހަދާ، އަދި އެ ގާނޫނަށް އަމަލު ނުކުރާ މަޖިލިހެއް ކަމަށެވެ. އަދި އެހެން މީހަކު ބުނެފައި ވަނީ ޖަމްޝީދު ކުރެއްވި ޓުވީޓުގައި ފުލުހުން ޓެގް ކުރައްވަން ޖެހޭ ކަމަށާއި އޭރުން އެމީހުންނަށް މި ކަން ފެންނާނެ ކަމަށެވެ.

ޖަމްޝީދުގެ ޓުވީޓަށް ކޮމެންޓު ކުރި އެހެން މީހަކު ބުނީ މަގުމަތީގައި ވެސް ސިނގިރޭޓު ބޮވޭ ކަމަށެވެ. އެކަމަކު، އެކަން ހުއްޓުވާނެ މީހަކު ނެތް ކަމަށް ބުނެ، ކަމާބެހޭ އިދާރާތަކަށް އެމީހާ ވަނީ ފާޑު ކިޔައިފަ އެވެ.