ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތަސް ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާއީދު ކުރާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
މިދިޔަ މޭ މަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން އެންމެ ފަހުން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް ބުނެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބޭއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމާ ގުޅޭ ގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން އެންމެ ފަހުން އާންމުކުރި މައުލޫމާތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.
އަދި އެމައުލޫމާތު ތަކުން އެނގިގެން ދަނީ މިގައުމުގެ ސަލާމަތަށް ހުރި ނުރައްކަލުގެ ބޮޑުކަން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ފުލުހުން ހާމަކުރި މައުލޫމާތުތަކާ ގުޅިގެން އަޅުގަނޑުމެން ވެސް ކަންބޮޑުވާކަންތައްތަކެއް އެބަހުރި. އެއީ މިގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް. އެކަމުގައި ފުލުހުން އަމަލުކުރާ ގޮތެއް ހާމައެއް ނުކުރޭ. މިކަމުގައި މަޖިލީހުން ދެކޭ ގޮތެއް ހާމަކުރަން ޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ އެއް ބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް މަޖިލިހުގެ ރައީސަށް ހުށަހެޅުމުންނެވެ. އަދި އޭގެ ފަހުން 14 ދުވަސް ތެރޭ ޖަލްސާ ބާއްވަން ޖެހޭނެއެވެ.
އެގޮތުން، އެ ހުށަހެޅުމަށް މަދުވެގެން 29 މެމްބަރުންގެ ސޮއި ބޭނުންވާނެ އެވެ.
ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަމުން މިދަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. މަޖިލިސް ދެން ފަށާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.