ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުން، އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދުއާ ހަވާލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުން ހޫދުއާއި ހަވާލުކޮށްފައި މިވަނީ ކުރިން އެމަޤާމުގައި ހުންނެވި ސަބްރާ އިބްރާހީމް ނޫރައްދީން، ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާއި ގުޅިގެން ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖްގެ މަގާމަށް ސަބްރާ އައްޔަންކުރައްވާފައި ވަނީ، ފޮރިން ރިލޭޝަން އޮފީސްގެ ސެކްރެޓަރީގެ މަގާމުން ވަކިކުރެއްވުމަށްފަހު ކަމަށެވެ. ސަބްރާ މި މަގާމަށް އައްޔަނުކުރައްވާފައި ވަނީ ސަފީރު ފެންވަރު ނުވަތަ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.

މީގެ ކުރިން ހޫދު ވަނީ ރައީސް އޮފީހުގެ ތަރުޖަމާން މަގާމު ވެސް ފުރުއްވައިފަ އެވެ.

މިވަގުތު ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ވެސް ހިންގަވަނީ ހޫދުގެ ބެއްލެވުމުގެ ދަށުންނެވެ.

އިބްރާހީމް ހޫދަކީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.